ރައީސް ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުމާއި، ގައުމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވިއަން އެޑިއުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ ނުވަތަ ސޯސަންވިލާ) އިން އިންތިޒާމު ކޮށްގެން ލަންކާގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.

ސްރީލަންކާގައި ހުންނަ ސޯސަންވިލާ އިން ކުރިއަށް ގެންދިޔަ ހަރަކާތްތައް މިމަހުގެ 17 ވަނަ ދުވަހު ފަށާފައި ވަނީ ހޭންޑް ބޯލް މުބާރާތަކާއި، ފުޓްސަލް މުބާރާތަކުންނެވެ.

އޭގެ އިތުރުން މިމަހުގެ 19 ވަނަ ދުވަހު ވަނީ ހަވާ އެރުވުމާ އެކު ފޯރި ގަދަ މިއުޒިކު ޝޯއެއް ބާއްވާފަ އެވެ. އެޝޯގައި ރާއްޖޭގެ މަޝްހޫރު ފަންނާނުންގެ ތެރެއިން، ސުނީތާއާއި ހަރުބީގެ އިތުރުން ތިއްތި ނިފާރު ބައިވެރިވި އެވެ.

"ކާމިޔާބު ޝޯ"ގެ ނަމުގައި ބޭއްވި ޝޯގެ ތެރެއިން --- ފޮޓޯ/ އެމްއީސީސީ

"ކާމިޔާބު ޝޯ"ގެ ނަމުގައި ބޭއްވި އެ ޝޯ ޝަރަފުވެރިކޮށްދެއްވުމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމާއި، ޓޫރިޒަމް މިނިސްޓަރު ޒަމީރު އަދި ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒުގެ އިތުރުން ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު ނިހާން ހަސަން މަނިކާއި، އާއި ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަދުރޭ އަދި ކެލާ ދާއިރާގެ މަޖިލިސް މެމްބަރު އަލީ އާރިފް ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ސީއީއޯ އިގްބާލް އާދަމް އާއި ޕީޕީއެމްގެ ޓްރެޒަރާ އަހްމަދު ޒަމީރު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ލަންކާގައި އުޅޭ 400 އެއްހާ ދިވެހިން އެ ޝޯ ބަލަން ގޮސްފައިވާ އިރު، ޝޯ ކުރިއަށް ދިޔަ އިރު ދިވެހިންނަށް ހާއްސަ ޖާފަތެއް ވެސް ބާއްވާފައިވެ އެވެ. އެ ޝޯގައި ސޯސަން ވިލާ އަށް ހާއްސަކޮށް ރޯނު ހަސަން މަނިކު ޅެން ހައްދަވާ ތިއްތި ނިފާރު މިއުޒިކު ހައްދަވާފައިވާ ލަވައެއް ވެސް އިފްތިތާހް ކޮށްފައިވެ އެވެ.

މިއުޒިކު ޝޯގެ އިތުރުން ސޯސަންވިލާއިން ވަނީ މިދިޔަ އާދީއްތަ ދުވަހު ކުޑަކުދިންގެ ހަވީރެއްވެސް ބާއްވާފަ އެވެ. ރިޕީލިން އަދި ދުނިޖެހުން ފަދަ ގިނަ ހަރަކާތްތަކާއެކު ކުރިއަށް ގެންދިޔަ އެ ހަވީރުގައި ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވި އެވެ.