22 Nov 2016, 14:02
ވޯޓު ކަރުދާހުގައި ޖަހަން ޖެހޭ ފާހަގަ ފިޔަވައި އިތުރު ކުރެހުމެއް ހުރެއްޖެ ނަމަ ވޯޓު ބާތިލުވާ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހެޅުއްވި އިސްލާހު ފާސް ނުކުރުމަށް މަޖިލީހުން ނިންމައިފި އެވެ.
ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ހުށަހެޅި މި އިސްލާހު މަޖިލީހުން ބޭރުކޮށްފައި ވަނީ، އެ އިސްލާހު ފާސް ކުރުމަށް ނުފެންނަ ކަމަށް ލިބުނު 43 ވޯޓާ އެކު އެވެ. މި އިސްލާހު ފާސްކުރުމަށް ވޯޓު ދީފައި ވަނީ 24 މެމްބަރުންނެވެ.
އެބިލު ހުށަހަޅުއްވަމުން ޕީޕީއެމްގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވީ ވޯޓު ކަރުދާހުގައި ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން އެހެން ކުރެހުމެއް ކުރަހައިފި ނަމަ ވޯޓު ނަތީޖާ ބަލާ ވަގުތު ވޯޓްގެ ސިއްރުކަން ގެއްލޭ ކަމަށެވެ. އެހެން ވެގެން އެ ގާނޫނަށް އެ އިސްލާހު ގެންނަން ފެންނަ ކަމަށް ވިދާޅުވި އެވެ.
މަޖިލީހުން އެ ބިލް ބޭރުކޮށްލި ނަމަވެސް، ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ވަނީ އެ ބިލަށް ތާއީދުކޮށްފަ އެވެ.