ބޮލަކަށް 900 ރުފިޔާގެ މަގުން ފަގީރުންނާއި މިސްކީނުންނަށް މުދަލު ޒަކާތް ބަހަން ފަށައިފި އެވެ.

އިސްލާމީ މަރުކަޒުގެ ހޯލުގައި، މާލެއާއި ހުޅުމާލެ އަދި ވިލިނގިލީގައި ދިރިއުޅޭ ފަގީރުންނާއި މިސްކީނުންނަށް މުދަަލު ޒަކާތް އިއްޔެ ބަހަން ފަށާފައިވާއިރު، އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9.30 ން ހަވީރު 16.00 އަށް ޒަކާތް ދޫކުރަމުން ދާނެ އެވެ. ނަމަވެސް އެ ވަގުތު ތަކުގެ ތެރެއިން 11.45ން 13.00 އަށް ޒަކާތް ދޫކުރާ ކައުންޓަރުތައް ބަންދުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ، ކޮންމެ ދުވަހަކުވެސް ދޫކުރާނީ ދުވާލަކަށް 100 ނަންބަރު ކަމަށާއި ނަންބަރު ދޫކުރާނީ ނަންބަރު ނަގަން އަންނަ ތަރުތީބުން ކަމަށެވެ. އަދި ނަންބަރު ދޫކުރުމަށް ނިންމާފައިވަނީ ހަތަރު ބަޔަކަށް ބަހާލައިގެން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އެގޮތުން އެކްސްޕްރެސް ކިއުގައި ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ އެއް އައިޑީކާޑާއި 5 އައިޑީކާޑާ ދެމެދުގެ އަދަދަށް އައިޑީކާޑު ގެންނަ ފަރާތްތަކަށެވެ. އަދި ނޯމަލް ކިއުގައި ހަ އައިޑީކާޑާއި 20 އައިޑީކާޑަށް ނަމްބަރު ދޫކުރާއިރު، 21 އައިޑީކާޑަށް ވުރެ ގިނަ އައިޑީކާޑު ގެންނަ ފަރާތްތަކަށް ހާއްސަ ކިއު ނަންބަރެއް ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.

އޭގެ އިތުރުން ޒަކާތް ބަލައި އަންނަ ފަރާތްތަކުގެ ތެރެއިން 65 އަހަރުން ފެށިގެން މަތީ މީހުންނަށާއި، މާބަނޑު މީހުންނަށް ހާއްސަ ކިއު ނަމްބަރެއް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. އަދި އެ ނަމްބަރު ތަކަށް ޒަކާތް ނެގޭނީ އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއާއި އެމީހެއްގެ 18 އަހަރުން ދަށުގެ ދަރިންގެ އައިޑީކާޑުތަކަށް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރު މުދަލު ޒަކާތް ބެހުން ލަސްވެފައިވަނީ އެ މިނިސްޓްރީން ގެންގުޅުނު ލިސްޓުގައި ހިމެނިފައިވާ ފަގީރުންނާއި މިސްކީނުން ކަށަވަރުކޮށް ބެލުމަށް ކުރި މަސައްކަތުގެ ސަބަބަބުން ކަމަށެވެ.

"މި އަހަރުގެ މުދަލު ޒަކާތް ދިނުން ލަސްވެގެން ދިޔައީ އެހެން އަހަރުތަކާއި ހިލާފަށް މިފަހަރު ޔަގީން ކުރަން ބޭނުންވި އަޅުގަނޑުމެން މުދަލު ޒަކާތް މިދެނީ ހަމަ މުދަލު ޒަކާތް ހައްގުވާ އެންމެ ހައްގު މީހާއަށްތޯ. އެކަން ޔަގީން ކުރުމަށްޓަކައި އަޅުގަނޑުމެން މިކޮޅުގަ ޓްރެއިނާސް އޮފް ޓްރެއިނާސް (ޓީއޯޓީ) ޕްރޮގްރާމެއް ހިންގީ،" އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަކާތުގެ މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު މުސްތަފާ ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީގައި ކުރިން 53000 މީހުން ލިސްޓު ކޮށްފައިވާ ކަމަށާއި އެލިސްޓުގައިވާ ޒަކާތް ހައްގު ނުވާ ފަރާތްތަކަކީ ކޮބައިތޯ ބަލައި ޔަގީން ކުރުމުގެ މަސައްކަތް ނިމުނު އިރު ޒަކާތް ހައްގުވާ ފަގީރުންނާއި މިސްކީނުންގެ އަދަދު 12335 އަށް ދަށް ވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި 900 ރުފިޔާ ބޮލަކަށް ޖެހިފައިވާ އިރު، މިދިޔަ އަހަރު ޒަކާތުގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 400 ރުފިޔާ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް މުދަލު ޒަކާތް ބެހުމުގެ މަސައްކަތް މިނިސްޓްރީން ކުރިއަށް ގެންދާއިރު، އެ މަސައްކަތް އަތޮޅު ތެރޭގައި ކުރިއަށް ގެންދާނީ ރަށުކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކުން ކަމަށެވެ.