15 Jun 2011, 13:30
ފަހަކަށް އައިސް ކުރި ސާވޭތަކުން ޒުވާނުންގެ ގިނަ ބަޔަކު ވަޒީފާ ނެތިފައި ތިބިކަން ހާމަވުމުން ވަރަށް ބޮޑު ހައިރާން ކަމެއް ލިބިވަޑައިގެންފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމަށް ޓީޗަރުން ތަމްރީނު ކުރުމާއި ޒުވާނުންނަށް މަސައްކަތްތެރިކަމުގެ ތަމްރީނު ދިނުމުގެ މަޝްރޫއެއް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ހާއްސަ ރައްމިއްޔާތު އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ ފަހަކަށް އައިސް ކުރެވުނު ސާވޭތަކުން ޒުވާނުންގެ ގިނަ ބަޔަކު ވަޒީފާ ނެތިފައި ތިބިކަން ހާމަވުމުން އެ މަނިކުފާނަށް ސިހުން ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އާބާދީގެ 50 ޕަސެންޓަށް ވުރެ ގިނަ ބަޔަކީ އުމުރުން 30 އަހަރަށް ވުރެ ހަގު ކުދިން ކަމަށާއި އެކުދިންގެ ތެރެއިން ގިނަ ކުދިން ތިބީ ވަޒީފާ ނެތިކަމަށެވެ. އަދި އެކުދިން ވަޒީފާ ނެތި ތިބީ ރާއްޖޭގައި ވަޒީފާ ނެތިގެން ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެކުދިންނަށް ވަޒީފާއެއް ނެތި އެ ތިބެނީ ވަޒީފާ ނެތުނީމައެއް ނޫން. އެ ކުދިންނަށް އެފަދަ ހުނަރެއް، ވަޒީފާ އަދާކުރާނެ ހުނަރެއް ލިބިފައި ނެތީމާ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކޮންމެ ވެސް ވަރެއް ހުނަރެއް ނުވަތަ ރަނގަޅު ހުނަރަކާ އެކު އަދާ ކުރެވޭނެ ވަރަށް ގިނަ ވަޒީފާ ރާއްޖޭގައި އެބަހުރި ކަމަށާއި ކޮންމެވެސް ވަރެއްގެ ހުނަރަކާ އެކު އަދާކުރެވޭނެ 30000 ވަޒީފާ މިހާރު ވެސް އެބަ އޮތް ކަމަށެވެ.
"ޓެކްނޮލޮޖީގެ އެހީއާއެކު ތައުލީމާއި މަސައްކަތްކަތުގެ އައު ޖީލަކަށް" މިނަމުގައި އިންޑިޔާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ މަޝްރޫއަކީ ދެ އަހަރާ ހަމަސް ދުވަހުގެ މުއްދަކަށް ހިންގާ މި މަޝްރޫއެކެވެ. މުޅި މަޝްރޫއަށް ފަސް މިލިޔަން ޑޮލަރު އިންޑިޔާ ސަރުކާރުން ހަރަދު ކުރެ އެވެ.
މި މަޝްރޫއުގެ ދަށުން ޕްރޮގްރާމްތައް ހިންގަން ހަމަޖެހިފައި ވަނީ ރާއްޖޭގެ ހަތް ސަރަހައްދެއްގަ އެވެ. އެގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިޔަވައި ދިނުމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައި ވަނީ ރ. މީދޫ އާއި ސ. ހިތަދުއާއި ހދ. ކުޅުދުއްފުއްޓާއި ލ. ގަމުގަ އެވެ. އަދި ޒުވާނުންނަށް މަސައްކަތްތެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގަން ހަމަޖެހިފައި ވަނީ ރ. އަލިފުއްޓެވެ. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ އިން ތަމްރީނު ދިނުމުގެ ޕްރޮގްރާމްތައް ހިންގަން ހަމަޖެހިފައި ވަނީ ފުމައްމުލަކާއި ހއ. ދިއްދޫގަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަޝްރޫ ނިމޭ އިރު 2880 ޓީޗަރުންނާއި އައިޓީސީގެ ދާއިރާ އިން 1600 މީހުންނާއި މަސައްކަތްތެރިކަމުގެ ދާއިރާ އިން 800 މީހުން ތަމްރީން ކުރެވޭނެ ކަމަށެވެ.