09 May 2010, 10:11
14:30
ކޮސްޓަރިކާގެ ފުރަތަމަ އަންހެން ރައީސާއަށް ވެވަޑައިގެންފައިވާ ލޯރާ ޗިންޗީލާ، މަގާމުގެ ހުވާކުރައްވައިފި އެވެ.
ފެބްރުއަރީ މަހު އެ ގައުމުގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިގެން މަގާމާ ހަވާލުވެވަޑައިގަތް ޗިންޗީލާ ހުވާ ކުރައްވާފައިވަނީ ވެރިރަށް ސެން ހޯސޭގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އޭނާއަށް ހުވާ ލައިދެއްވީ ނޯބެލް ސުލްހައިގެ އިނާމު 1987 ވަނަ އަހަރު ހާސިލްކުރައްވާފައިވާ އެގައުމުގެ ކުރީގެ ރައީސް އޮސްކާ އެރިއަސް އެވެ. އަދި މިރަސްމިއްޔާތަށްފަހު ޗިންޗީލާ ވަނީ އޭނާގެ ކެބިނެޓަށް ހުވާ ލައިދެއްވާފައެވެ.
މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ޗިންޗީލާ ވިދާޅުވެފައިވަނީ އޭނާގެ ސަރުކާރު ވެގެންދާނީ ކުދިބޮޑު އެންމެންގެ ސަރުކާރަކަށް ކަމަށާއި، ވެރިކަން ކުރައްވަމުން ގެންދަވާނީ ދެފުށް ފެންނަ ގޮތަށް ކަމަށެވެ. އަދި އެގައުމުގެ ބައިނަލްއަގުވާމީ ގުޅުންތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮސްޓަރިކާގެ ފުރަތަމަ އަންހެން ރައީސާއަށް ވެވަޑައިގެންފައިވާ އުމުރުފުޅުން 51 އަހަރުގެ ޗިންޗީލާ އެގައުމުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ 46.76 ޕަސެންޓް ވޯޓާއެކު އެވެ.