އެޗްއާރުސީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ހުއްޓައި މަގާމުން ވަކިކުރީ ވަޒީފާގެ އެއްބަސްވުމާ ހިލަފާށް ކަމަށް ބުނެ ޝައްމޫން ހަމީދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ޑިސްޕިއުޓުގައި ހައްލު ނުވުމުން ޝަރީއަތަށް ގެންގޮސްފި އެވެ.

އެޗްއާރުސީއެމްގެ ގަވާއިދަކަށް އިސްލާހު ގެނެސް ޝައްމޫން ވަޒީފާއިން ވަކިކޮށްފައިވަނީ، ގަވާއިދާ ހިލާފަށް ކަމަށް ބުނެ އޭނާގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅީ މިމަހުގެ އެއްވަނަ ދުވަހު އެވެ.

ޝަރީއަތުން ބޭރުން މައްސަލަ ހައްލުކުރަން ވާހަކަދެއްކި ނަމަވެސް މައްސަލަ ވަނީ ހައްލުވާ ގޮތް ނުވެފައެވެ. މައްސަލާގެ ފުރަތަމަ އަޑުއެހުން މާދަމާގެ 9:30 ހަަށް ވަނީ ސިވިލް ކޯޓުގައި ތާވަލުކޮށްފައެވެ.

އެޗުއާރުސީއެމްގެ ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލްގެ މުއްދަތަކީ މަގާމަށް އައްޔަންކުރެވޭ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތެއް ކަމަށެވެ.

ސެކްޓްރީ ޖެނެރަލްގެ މަގާމުގެ މުއްދަތު -މާއްދާ 39

(ހ) ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލްކަމުގެ ދައުރުގެ މުއްދަތަކީ މަގާމަށް އައްޔަން ކުރެވޭ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހެވެ.

މީގެކުރިން އެމާއްދާގައި ބުނެފައި ވަނީ އެޗްއާރުސީއެމަށް ސެކެޓްރީ ޖެނެރަލެއް ކަނޑައަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެ އެވެ.

ޝައްމޫން އެޗްއާރުސީއެމްގެ ސެކްޓްރީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރީ 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހު އެވެ. މިހާރު ގަވާއިދަށް ގެނައި އިސްލާހާ ގުޅިގެން ވެސް މުއްދަތު ހަމަވެގެން ކަމަށް ބުނެ ޝައްމޫން ވަޒީފާއިން ވަކިކުރެވޭނީ ފެށޭ އަހަރުގެ ފެބުރުއަރީ މަހު އެވެ.