22 Nov 2016, 13:29
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ވިޔަފާރިއާއި އިގްތިޞާދުގެ ދާއިރާއިން އެބޭފުޅުންގެ ގައުމުތަކުގެ ތާރީހް ބަދަލު ކުރައްވާފައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ނިއުދިއްލީގައި މިއަދު ފެށި ތިންވަނަ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސް ޔާމީނާއި ބޮޑުވަޒީރު މޯދީ، ދެ ގައުމުގެ ދެމެދުގައި ގެންގުޅުއްވާ ގުޅިފައިވާ އިގްތިޞާދީ އެޖެންޑާގެ ސަބަބުން ދެ ގައުމުގެވެސް އިގްތިޞާދު މުޅިން އާ ފަންތިއަކަށް ގޮސްފައިވާ ކަމަށެވެ.
"ދެ ލީޑަރުންވެސް މިހާރުވެސް ވަނީ އެ ބޭފުޅުންގެ ގައުމުގަ ތާރީހްގެ އާ ޞަފްހާއެއް ފަށްޓަވާފައި އިގްތިޞާދީ ދާއިރާގައި. އެބޭފުޅުންގެ ގައުމުތަކުގައި އެ ބޭފުޅުން ހަނދާން ކުރުން އޮންނާނީ އެބޭފުޅުންގެ އިގްތިޞާދީ ސިޔާސަތުތަކާ ވިޔަފާރިއާ ރަހްމަތްތެރި އުކުޅުތަކުން،" ސައީދު ވިދާޅުވި އެވެ.

މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް 2016 ފެށުމުގެ ރަސްމިއްޔާތުގެ ތެރޭން: ނިއު ދިއްލީގައި މިހާރު ކުރިއަށްދާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި އިންޑިއާއާއި ރާއްޖޭގެ ގިނަ ވިޔަފާރިވެރިން ބައިވެރިވި -- ސަން ފޮޓޯ/ މާހިލް މުހައްމަދު
ސައީދު ވިދާޅުވީ، ރައީސް ޔާމީނުގެ ސަރުކާރުގައި ރާއްޖެ ވަނީ އިގްތިޞާދާއި ވިޔަފާރިއަށް ހުޅުވާލާފައި ކަމަށާއި، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، އިންވެސްޓްމަންޓްތައް ގެނެސް ރާއްޖޭގެ ޒުވާނުންނަށް ވަޒީފާ އުފައްދައި، ފުދުންތެރި ބަޔަކަށް ދިވެހި ރައްޔިތުން ހެދުންކަމަށެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި، ރާއްޖެއަކީ މިނިވަން ވިޔަފާރިއާއި ވިޔަފާރިވެރި މާހައުލަކަށް އަބަދުވެސް ތާއީދުކޮށް، ވަކާލާތުކުރާ ގައުމެކެވެ. އަދި ރައީސް ޔާމީނުގެ އިގްތިޞާދީ އެޖެންޑާގައިވެސް ހިމެނެނީ އެފަދަ ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިކަމަކީ ރައީސް ޔާމީނުގެ އިޤްތިޞާދީ އެޖެންޑާގައި ވަަރަށް ބޮޑަށް ގޮވާލާކަމެއް. އެ އެޖެންޑާ ޕްރޮމޯޓްކުރަނީ ދެފުށް ފެންނަ، އަދި ފަސޭހައިން ވަދެވޭ، ވިޔަފާރީގެ މާހައުލަކަށް،" ސައީދު ވިދާޅުވިއެވެ.
މޯލްޑިވެސް އިންވެސްޓްމަންޓް ފޯރަމަށް ތަފާތު ދާއިރާތަކުގެ، ގިނަ އަދަދެއްގެ ބޭރުގެ ވިޔަފާރިވެރީން ޒިޔާރަތްކުރަމުންދާއިރު، އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ، މިއީ ރާއްޖޭގެ ސިޔާސަތުތަކާ މެދު، އިންޑިއާއިން ދެކޭ ގޮތް ދައްކައިދޭ ވަރަށް ރަނގަޅު ސިގްނަލެއް ކަމަށެވެ.

މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް 2016 ފެށުމުގެ ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ/ މާހިލް މުހައްމަދު
ނިއުދިއްލީގެ ތާޖް ޕެލެސް ހޮޓެލްގައި ކުރިޔަށް ދާ އިރު، މި ފޯރަމްގައި އިންޑިއާއާއި އެހެނިހެން ގައުމުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ވިޔަފާރިވެރިން ދަނީ ބައިވެރިވެ، ރާއްޖޭގައި އިންވެސްޓްމެންޓަށް ހުރި ފުރުސަތުތައް ބަލަމުންނެވެ.

މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް 2016 ފެށުމުގެ ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ/ މާހިލް މުހައްމަދު
އެންމެ ފުރަތަމަ އިންވެސްޓްމެންޓް ފޯރަމެއް ބާއްވާފައިވަނީ 2014 ވަނަ އަހަރުގެ އޭޕްރިލް މަހު، ސިންގަޕޫރުގައެވެ. އެއަށް ފަހު ދެވަނަ ފޯރަމެއް ބާއްވާފައިވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގްގައި، 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އަދި އަންނަ އަހަރުގެ އިންވެސްޓްމަންޓް ފޯރަމް ބާއްވާނީ ގަތަރުގެ ވެރިރަށް ދޯހާގައިކަމަށް ސަރުކާރުން މިއަދު ވަނީ އިއުލާނުކޮށްފައެވެ.