ވޮޝިންޓަން(ނޮވެމްބަރު 22): އެމެރިކާގެ އެންމެ އާބާދީ ބޮޑު ސްޓޭޓް ކަމަށްވާ ކެލިފޯނިޔާ އެމެރިކާގެ އިއްތިޙާދުން ވަކިވުމަށް ކުރަންޖެހޭ ގާނޫނީ އަދި ސިޔާސީ މަސައްކަތްތައް ކުރިޔަށްގެންދާނެ ކަމަށް އެ ސްޓޭޓްގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތް ކަމަށްވާ "ޔޭސް ކެލިފޯނިޔާ" ޖަމާއަތުން ހާމަކޮށްފިއެވެ.

އެ ޖަމާއަތުން ވަނީ، ކެލިފޯނިޔާ އެމެރިކާގެ އިއްތިޙާދުން ވަކިވުމާމެދު (ކެލިކްސިޓް) އެސްޓޭޓްގެ ރައްޔިތުން ދެކޭގޮތް ބެލުމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ފުރްސަތު ހޯދައިދިނުމަށް އެދި އެ ސްޓޭޓްގެ އެޓާނީޖެނެރަލްގެ އަރިހަށް ޕެޓިޝަނެއް ހުށަހަޅާފައެވެ. ކެލިފޯނިޔާއަކީ އެމެރިކާގެ އެންމެ ބޮޑު އެއް ސްޓޭޓް ކަމުގައިވާއިރު އެ ސްޓޭޓްގެ އާބާދީ 39 މިލިޔަނަށް އަރައެވެ.

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްގައި ކެލިފޯނިޔާ ތަމްޘީލް ކުރައްވާ 53 މެންބަރުން (މަޖިލިސް މެންބަރުން) ތިއްބައެވެ. ކެލިފޯނިޔާއަކީ އެމެރިކާގެ އިގްތިސާދުގައި މުހިއްމު ދައުރެއް އަދާކުރާ ސްޓޭޓަކަށްވާއިރު އެ ސްޓޭޓްގެ ގައުމީ އާމްދަނީ (ޖީޑީޕީ) 2.5 ޓްރިލިޔަން ޑޮލަރަށް އަރައެވެ. މިއީ އެމެރިކާގެ ސްޓޭޓްތަކުގެ ތެރެއިން އިގްތިސާދީގޮތުން އެންމެ ވަރުގަދަ ސްޓޭޓެވެ. ދެވަނައަށް އެމެރިކާގައި އިގްތިސާދީ ގޮތުން އެންމެ ވަރުގަދައީ ޓެކްސަސް އެވެ. އެއީ 1.6 ޓްރިލިޔަން ޑޮލަރުގެ ޖީޑީޕީ އަކާއެކުގައެވެ. ތިންވަނައަށް އެމެރިކާގައި އެންމެ ބޮޑު އިގްތިސާދެއް އޮންނަނީ ނިޔުޔޯކް ސްޓޭޓްގައެވެ. އެސްޓޭޓްގެ ޖީޑީޕީއަކީ 1.5 ޓްރިލިޔަން ޑޮލަރެވެ.

އެމެރިކާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ކެލިފޯނިޔާގެ ވަރަށްގިނަ ބަޔަކު އެ ސްޓޭޓް އެމެރިކާގެ އިއްތިޙާދުން ވަކިވުމަށް އެދޭކަން ޚިޔާލު ހޯދުމުގެ ސާވޭތަކުން ހާމަވެފައިވެއެވެ. އެ ސްޓޭޓްގެ ސިޓީތަކުގެ ތެރޭގައި ސެންފްރަންސިސްކޯ، ލޮސްއެންޖެލެސް ފަދަ ދުނިޔެއަށް މަޝްހޫރު ސިޓީތައް ހިމެނެއެވެ.

ކެލިފޯނިޔާ އެމެރިކާގެ އިއްތިޙާދުން ވަކިވެއްޖެނަމަ އެހެން ސްޓޭޓްތައްވެސްވެސް އެމަގުން ހިނގަންބޭނުންވާނެކަމަށް ތަޖްރިބާކާރުން ލަފާކުރައްވައެވެ. ކެލިފޯނިޔާ އެމެރިކާގެ އިއްތިޙާދުން ވަކިވުމުމުގެ ވިސްނުމަކީ ވަރަށް ކުރީގެ ވިސްނުމެކެވެ. މިވިސްނުމުގެ މީހުން މިހާރު މިކަމާގެން ކުރިޔަށްދާން ބޭނުންވަނީ އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް އިންތިޚާބުވުމާ ގުޅިގެންނެވެ. (ނޫސްއެޖެންސީތައް)