ނައިޕީޑޯ (ނޮވެމްބަރު 22): މިޔަންމާގެ ރޮހިންޔާ މުސްލިމުން ދިރިއުޅޭ އަވަށްތަކުން 1،200 އަށް ވުރެ ގިނަ ގެތައް ވަނީ ފާއިތުވި ހަ ހަފްތާ ތެރޭގައި ސުންނާފަތިކޮށްލާފައި ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ބުނެފި އެވެ.

ހިއުމަން ރައިޓްސް ވޮޗް އިން ވަނީ މި މަހުގެ 10 އަކާއި 18 އާ ދެމެދު ހަލާކުކޮށްލާފައިވާ 820 އިމާރާތެއް ފެންނަ ހައި ޑެފިނިޝަން ސެޓެލައިޓް އިމޭޖްތަކެއް އާއްމުކޮށްފަ އެވެ. އާ އިމޭޖްތަކާއި މީގެ ކުރިން ލިބިފައިވާ އިމޭޖްތަކުން ދައްކާ ގޮތުން މުސްލިމުންގެ އަވަށްތަކުން ސުންނާފަތިކޮށްފައިވާ ގެތަކުގެ އަދަދު 1،250 އަށް އަރާ ކަމަށް އެޖަމްއިއްޔާ އިން ބުނެ އެވެ.

އޮރެންޖު ކުލައިން ފާހަގަކޮށްފައި ވަނީ މީގެ ކުރިން ހަލާކުކޮށްފައިވާ ގެތައް އަދި ރަތް ކުލައިން ފެނިގެން ދަނީ ފަހުން ހަލާކުކޮށްފައިވާ ގެތައް -- ފޮޓޯ: އެޗްއާރުޑަބްލިއު

ބަންގުލަދޭޝް އާއި މިޔަންމާއާ ގުޅޭ ބޯޑަރު ކައިރީގައިވާ މިޔަންމާގެ ފުލުހުންގެ ޕޯސްޓުތަކަކަށް މިދިޔަ މަހު ބަޔަކު ހަމަލާދީ ނުވަ ފުލުހުން މަރާލުމާ ގުޅިގެން މިޔަންމާގެ އަސްކަރިއްޔާ އިން ދަނީ ގިނަ އަދަދެއްގެ ރޮހިންޔާ މުސްލިމުން ދިރިއުޅޭ ރަހީން ސްޓޭޓުގައި ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. މިޔަންމާގެ ފުލުހުން ބުނާ ގޮތުގައި ބޯޑަރު ފުލުހުންނަށް ހަމަލާ ދިނީ ރޮހިންޔާ މުސްލިމުންގެ ތެރެއިން ބަޔެކެވެ.

ރޮހިންޔާ މުސްލިމުންގެ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ކޯކޯ ލިން ބުނި ގޮތުގައި ރަހީން ސްޓޭޓުން ވަނީ 100 އަށް ވުރެ ގިނަ މީހުން މަރާލައި އެހާވަރަށް ގިނަ މީހުން ހައްޔަރުކޮށްފަ އެވެ. އަދި އަސްކަރިއްޔާގެ އަމަލުތަކުގެ ސަބަބުންނާއި ގެދޮރު ނެތުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކަށް ވަނީ އަވަށްޓެރި ބަންގުލަދޭޝްއަށް ފިލަން ޖެހިފައި ކަަމަށް ރިޕޯޓުތަކުގައިވެ އެވެ.

އިންސާނީ ހައްގުތަަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ވަނީ މިޔަންމާގެ އަސްކަރިއްޔާ އިން މީހުންގެ ހައްގުތަށް ނިގުޅައިގަނެ، އަނިޔާކޮށް، ރޭޕްކޮށް، މީހުން މަރަމުންދާ ކަމުގެ ތުހުމަތުތައް ކޮށްފަ އެވެ.

ނަމަވެސް އަސްކަރިއްޔާ އިން އޮޕަރޭޝަން ހިންގާ ސަރަހައްދުތަކަށް ނޫސްވެރިންނާއި އެހީ ފޯރުކޮށްދޭ ފަރާތްތަކުން ވަނުން މަނާކޮށްފައި އޮތުމުން ރޮހިންޔާ މުސްލިމުންގެ ހާލަތު ޔަގީން ކުރުމަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.

އަދި ނޮބެލް ސުލްހައިގެ އިނާމު ހާސިލުކޮށްފައިވާ އަންގް ސަން ސޫޗީގެ ސަރުކާރުން ވަނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ދަނީ މައްސަލަ މާބޮޑުކޮށް ދައްކަމުން ކަމަށް ބުނެ އަސްކަރިއްޔާއާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އެސަރުކާރުން ބުނާ ގޮތުގައި ބައިނަލްއަގުވާމީ ސަމާލުކަން ހޯދުމަށް ޓަކައި ރަހީން ސްޓޭޓުގެ ގެތަކުގައި ރޯކުރަމުން ދަނީ މުސްލިމުން އަމިއްލައަށެވެ. (ބީބީސީ،އަލްޖަޒީރާ)