22 Nov 2016, 13:17
އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖެއްސި ގައުމީ އުފެއްދުންތެރިކަމުގެ މައުރަޒު އަންނަ އަހަރު ބާއްވާ ގޮތަށް ހަމަޖައްސައި އަލުން ފޯމު ހުށަހެޅުމަށް ހުޅުވާލައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ އެ މައުރަޒު ދެން ބާއްވާނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ކަމަށެވެ.
މައުރަޒު ބާއްވާ ތާރީޚް ފަސްކުރުމާ ގުޅިގެން މައުރަޒުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމުގެ މުއްދަތު ވެސް ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން، މިނިސްޓްރީ އިން ބުނީ މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މީގެ ކުރިން ފޯމު ހުށަހެޅުމުގެ މުއްދަތު ދީފައިވީ ނަމަވެސް އެދުވަހުގެ ފަހަށް ވެސް ފޯމު ބަލައިގަތުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށެވެ.
މީގެ އިތުރުން، މިހާރު ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ވެސް އަލުން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށާއި ފޯމުތައް ބަލައިގަންނާނެ އެންމެ ފަހު ތާރީޚާއި ތަކެތި ބަލައިގަންނާނެ އެންމެ ފަހުގެ ތާރީޚު ފަހުން އިއުލާން ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މި މައުރަޒު ބޭއްވުން އަންނަ އަހަރަށް ފަސްކޮށްފައިވާ އިރު، އެންމެ ފުރަތަމަ މައުރަޒު ބާއްވަން ހަމަޖެއްސީ މިމަހުގެ ތެރޭގަ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ޑިސެމްބަރު މަހަށް ފަސްކުރުމަށް ފަހު މިހާރު މިވަނީ އަންނަ އަހަރުގެ މާޗު މަހަށް ފަސްކޮށްފަ އެވެ.
އެ މައުރަޒުގައި ޖުމްލަ ހަ ދާއިރާއަކުން ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެ ދާއިރާ ތަކަކީ:
އަމިއްލަ ފަރުދުންގެ ދާއިރާ
- ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ
- ވިޔަފާރީގެ ދާއިރާ
- ސްކޫލު، ކޮލެޖް، ފެކަލްޓީފަދަ ތައުލީމީ މަރުކަޒުތަކުގެ ދާއިރާ
- ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ
- ކްލަބް، ޖަމިއްޔާ، ޖަމާއަތްތަކުގެ ދާއިރާ
ކޮންމެ ދިވެއްސަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ އެ މައުރަޒުގައި ދިވެހިރާއްޖޭގައި ދިވެހިން އުފައްދާ ކޮންމެ އުފެއްދުމެއް ވެސް ބައިވެރިކުރެވޭ އިރު އެ މައުރަޒުގައި ތަކެތި ބައިވެރިކުރުމަށް 61 ގިންތި ކަނޑައަޅާފައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މައުރަޒުގައި އެކިއެކި ގިންތިތަކުގައި ތަކެތި ބައިވެރިކުރުމަށް ވަކި އަދަދެއް ކަނޑައަޅާފައި ނުވާކަމަށާއި ނަމަވެސް އިންސާފުކުރުމަށް ކޮންމެ ގިންތިއަކުން ވެސް ގިނަވެގެން ބައިވެރި ކުރެވޭނީ ތަފާތު ފަސް އެއްޗެއް ކަމަށެވެ. އަދި އިންސާފު ކުރުމަށް އެންމެ ރަނގަޅުކަމަށް ފެންނަ ފަސް އެއްޗެއް ކަނޑައަޅާނީ ތަކެތި ބައިވެރިކުރި ފަރާތުންކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.