22 Nov 2016, 11:38
ދ. ކުޑަހުވަދޫ، ސަމަންދަރު، އަލީ ހަސަން (އައްޔުބޭ) މަރާލަން އެހީތެރިވި ކަމަށް ބުނެ ދައުލަތުން އޭނާގެ ދޮންކާފަ ދަރިއެއްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ ކުޑަހުވަދޫ، މާވެލި، އިބްރާހީމް ވަސީމް، އައްޔުބޭ މަރާލުމަށް އެހީތެރިވިކަން ޝަރީއަތަށް ސާބިތުވާ ވަރުގެ ހެއްކާއި ގަރީނާ ލިބިފައިނުވާ ކަމަށެވެ.
"އަލީ ހަސަން މަރާލުމުގައި އިބްރާހީމް ވަސީމް އެހީތެރިވިކަން ޝަރީއަތަށް ސާބިތުވާ ވަރުގެ ހެއްކާއި ގަރީނާ ލިބިފައިނުވާތީ، މީހަކު މަރާލުމަށް އެހީތެރިވުމުގެ ކުށް އިބްރާހީމް ވަސީމްގެ މައްޗަށް ސާބިތުނުވާ ކަމަށް ހުކުމްކޮށް މި ގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.
އައްޔުބޭ މަރާލާފައި ވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ 8 ވަނަ ދުވަހުގެ ރޭ 00: 7 އެހައިކަންހާ އިރު އެވެ. ކުޑަހުވަދޫ ދަނޑި މިސްކިތްމަގުން އައްޔުބޭ ހިނގާފައި ދަނިކޮށް އައްޔުބެ އަށް ހަމަލާދިނުމަށް ފަހު، އެ މަގުގައި ހުންނަ ފަޅު ގޯއްޗެއްގެ ތެރެއަށް ވައްދައި އައްޔުބެ އަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލާފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
އައްޔުބޭ މަރާލި ކަމުގެ ތުހުމަތުގައި ދ. ކުޑަހުވަދޫ، ފަނަސް، ފައުޒާން މުހައްމަދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މީގެކުރިން ވަނީ ހުކުމް ކޮށްފައެވެ.
އައްޔުބޭ މަރާލުމުގައި ބައިވެރިވިކަން 18 އަހަރުން ދަށުގެ ދެ ކުއްޖެއްގެ މައްޗަށް ސާބިތުވާ ކަމަށް މީގެ ހަތަރު އަހަރުކުރިން ޖުވެނައިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އައްޔުބޭ މަރާލުމަށްފަހު އޭނާ މަރާލަން ބޭނުން ކުރި ތަކެތި ވަސީމާއި އިތުރު ކުދިންތަކަކާ ހަވާލު ކުރުމުން އޭގެ ތެރެއިން ބައެއް ވަޅި މޫދަށް އުކާލައި އިތުރު ވަޅިއެއް ތުނޑީގައި ވަޅުލާފައިވާ ކަމަށް އެ މައްސަލައިގެ ތަހުގީގަށް ތުހުމަތު ކުރެވޭ މީހުން ދީފައިވާ ބަޔާންތަކުން އެނގޭ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.