15 Jun 2011, 13:17
އެތުލެޓިކްސް އެސޯސިއޭޝަނާއި ގުޅިގެން ދިރާގުން ކޮންމެ އަހަރަކު ބާއްވާ ދިރާގު ބްރޯޑް ބޭންޑް ރޯޑް ރޭހަށް ދެ ކެޓަގަރީ އިތުރުކޮށް، މިފަހަރު ބާއްވާނީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ކަމަށް ދިރާގުން ބުނެފި އެވެ.
އަންނަ މަހުގެ އެއް ވަނަ ދުވަހު ބާއްވާ ފަސް ވަނަ ދިރާގު ބްރޯޑް ބޭންޑް ރޯޑް ރޭހާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް އަހުމަދު މައުރޫފް މިއަދު ވިދާޅުވީ މިފަހަރުގެ ރޭސް ބާއްވަނީ މުޖުތަމައުގައި ބޮޑު މައްސަލައަކަށް ވެފައި އޮތް ކުޑަކުދިންނާ އަނިޔާކުރުމާއި ދެކޮޅަށް ކަމަށެވެ. އެގޮތުން މިފަހަރުގެ ރޭހުގައި ރިސޯޓް ތަކަށް ހާއްސަ ކެޓަގަރީ އަކާއި އަދި އެއްވަނަ އަންހެން އަދި ފިރިހެން އެތުލީޓް ހޯވާނެ ކަމަށްވެސް މައުރޫފް ވިދާޅުވި އެވެ. މި ފަހަރުގެ ރޭހުގެ ޝިއާރަކީ "ޕްރިވެންޓް ޗައިލްޑް އެބިއުސް" އެވެ.
"ބުރޯޑް ބޭންޑް ރޭސް މިހާރު މި ބޭއްވެނީ ޝޯސަލް އިވެންޓެއް ގޮތަށް. އެހެން ފަހަރުތަކާއި ހިލާފަށް މިފަހަރު ތަންކޮޅެއް ފުޅާ ކުރެވިގެން މިދަނީ،" މައުރޫފް ވިދާޅުވި އެވެ.
ބްރޯޑް ބޭންޑް ރޭހުގައި ބައިވެރިވުމަށް އެދޭ ފޯމް މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް ސޮނީ ސްޕޯޓްސްގެ ޖަނަވަރީ މަގާއި ޖާންދަނީ މަގު ފިހާރައިންނާއި އެތްލެޓިކްސް އެސޯސިއޭޝަން އިން ލިބެން ހުންނާނެ ކަމަށް ދިރާގުން ބުންޏެވެ.