ވޮޝިންޓަން (ނޮވެމްބަރު 22): އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕު ވެރިކަމުގެ ފުރަތަމަ ދުވަހު ކުރައްވާނެ ކަންތައްތަކުގެ ތެރޭގައި ޓްރާންސް ޕެސިފިކް ޕާޓްނާޝިޕް (ޓީޕީޕީ) ވިޔަފާރީގެ އެއްބަސްވުމުން އެމެރިކާ ވަކިކުރުން ހިމެނޭ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް އެފަދައިން ވިދާޅުވެފައި ވަނީ ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު އޭނާ އެންމެ ފުރަތަމަ ކުރައްވާނެ ކަންތައްތަކަށް އަލި އަޅުވާލާފައިވާ ވީޑިއޯ މެސެޖެއްގަ އެވެ.

ދެހާސް ފަނަރަ ވަނަ އަަހަރު ސޮއި ކުރި ނަމަވެސް އަދި ތަސްދީގު ކޮށްފައި ނުވާ ޓީޕީޕީ އެއްބަސްވުމުގައި އެމެރިކާގެ އިތުރުން ހިމެނޭ ގައުމުތަކުގެ ތެރޭގައި ޖަޕާން، މެލޭޝިއާ، އޮސްޓްރޭލިއާ، ނިއުޒީލޭންޑު، ކެނެޑާ، މެކްސިކޯ، ސިންގަޕޫރު، ބުރުނާއި، ވިއެޓްނާމް، ޗިލީ އަދި ޕެރޫ ހިމެނެ އެވެ. އެބާރަ ގައުމަކީ ދުނިޔޭގެ އިގުތިސާދުގެ 40 ޕަސެންޓު ހިއްސާ ކުރާ ގައުމުތަކެވެ.

ޓީޕީޕީ އެއްބަސްވުމުގެ މަގުސަދަކީ އިގުތިސާދީ ގުޅުންތައް ވަރުގަދަ ކުރުން ކަމަށްވީ ނަމަވެސް އެއެއްބަސްވުމާ ދެކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އެއީ ބޮޑު ކުންފުނިތަކަށް ފައިދާވާ ގޮތަށް، ސިއްރު ޝަރުތުތައް ހިމަނައިގެން ހަދާފައިވާ އެއްބަސްވުމެކެވެ.

ޓްރަމްޕްގެ ވީޑިއޯ މެސެޖުގައި ވެރިކަމުގެ ފުރަތަމަ ދުވަހު ކުރައްވާނެ އިތުރު ކަންތައްތަކުގެ ތެރޭގައި އެމެރިކާގައި ހަކަތަ އުފެއްދުމަށް އަޅާފައިވާ ހުރަސްތައް އުވާލުމާއި، ސައިބާ އެޓޭކްތައް ހުއްޓުވާނެ ޕްލޭނެއް ހެދުމަށް އަމުރު ނެރުމާއި ވިސާތައް ބޭނުން ކުރާ ގޮތް ތަހުގީގު ކުރުމާއި، ސަރުކާރު ވަޒީފާތަކުން ވަކިވާ ފަރާތްތަކުން ސަރުކާރަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރުން މަނާ ކުރާ ގަވާއިދެއް އުފެއްދުން ހިމެނެ އެވެ.

ނަމަވެސް ޓްރަމްޕުގެ ކެމްޕެއިންގައި އެންމެ ބޮޑަށް އިސްކަންދެއްވި ވައުދުތަކުގެ ތެރޭގައި ހިމެނޭ އޮބާމާކެއާ އުވާލުމާއި މެކްސިކޯ އާއި އެމެރިކާއާ ދެމެދު ފާރެއް ރޭނުމަށް ކުރައްވާނެ ކަންތައްތަކާ ބެހޭ ގޮތުން ވީޑިއޯ މެސެޖުގައި ޓްރަމްޕް ވާހަކަ ދައްކަވާފައި ނުވެ އެވެ.

މިދިޔަ ހަފްތާ ބަންދުގައި އޮތް އޭޝިއާ ޕެސިފިކް ލީޑަރުންގެ ބައްދަލުވުމުގައި ޓީޕީޕީ ހިމެނޭ ގައުމުތަކުން ވަނީ ޓްރަމްޕު އެއެއްބަސްވުމާ ދެކޮޅު ހެއްދެވި ނަމަވެސް އެގައުމުތަކުން ފްރީ ޓްރޭޑް އެއްބަސްވުންތައް ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ.

ނަމަވެސް އިއްޔެ ޖަޕާންގެ މިނިސްޓަރު ޝިންޒޯ އަބޭ ވަނީ އެމެރިކާގެ އެއްބާރުލުމާ ނުލައި ޓީޕީޕީ އެއްބަސްވުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި މީގެ ކުރިން އޭނާ ވަނީ އެމެރިކާއިން އެފަދައިން އަމަލު ކޮށްފި ނަމަ ޓީޕީޕީ އެއްބަސްވުމުގައި ނުހިމެނޭ ޗައިނާއާ އެކު އާ ވިޔަފާރީގެ އެއްބަސްވުމެއް ހަދަން ޖެހިދާނެ ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕް މިހާރު ގެންދަވަނީ އޭނާގެ ސަރުކާރުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަމުންނެވެ. ޓްރަމްޕް މިހާތަނަށް އެނާގެ ސަރުކާރަށް ހަމަޖައްސާފައިވާ ފަރާތްތަކުގެ ތެރޭގައި އެޓާނީ ޖެެނެރަލް ކަމަށް ޖެފް ސެޝަންސް އާއި ގައުމީ ސަލާމަތީ އެޑްވައިޒަރު ކަމަށް މައިކަލް ފްލިން އާއި ދިފާއީ ވަޒީރަކަށް އެމެރިކާގެ ހަރުކަށި ޚިޔާލުގެ ބޭފުޅެއްކަމަށްވާ ރިޓަޔަޑް ޖެނެރަލް ޖޭމްސް މާޓިން ހިމެނެ އެވެ.

ޖެފް ސެޝަންސް އަކީ ނަސްލީ ތަފާތުކޮށް ވާހަކަ ދެއްކުމުގެ ސަބަބުން ގިނަ ބަޔެއްގެ ނުރުހުން އަމާޒުވި ފަރާތެކެވެ. އަދި ފްލިން އަކީ އިސްލާމް ދީނާ ބެހޭ ގޮތުން ހަރުކަށި ހިޔާލުތައް ގެންގުޅޭ، "އިސްލާމީ ދުނިޔެ އަކީ ފެއިލްވެފައިވާ" ދުނިޔެއެއްގެ ގޮތުގައި ސިފަ ކުރާ ފަރާތެކެވެ. (ބީބީސީ)