22 Nov 2016, 12:06
އަންހެނުންގެ ހައްގުތައް ކުރިއަރުވައި ދިފާއު ކުރުމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާ ގުޅިގެން މަސައްކަތް ކުރުމަށް ހޯޕް ފޯ ވިމެން ޖަމިއްޔާ އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެޗްއާރުސީއެމް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކޮމިޝަނުގެ ނައިބް ރައީސް ޝިފާގު މުފީދު އެވެ. ހޯޕް ފޯ ވިމެން ޖަމިއްޔާގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ޗެއާ ޕާސަން ރަޝީދާ ޔޫސުފެވެ.
އެ އެއްބަސްވުމުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި އަންހެން ކުދިންނާއި އަންހެނުންނަށް ކުރެވޭ ޖިންސީ ގޯނާއާއި ޖިންސީ ހާނިކަ މުޖުތަމައު އިން ނައްތާލުމާއި އިސްލާމް ދީނުގައި އަންހެނުންނަށް ފޯރުކޮށްދީފައިވާ މަތިވެރި އިންސާނީ ހައްގުތައް ރައްކާތެރިކޮށްދީ ކުރިއެރުވުން ހިމެނެ އެވެ. އަދި އަންހެނުންނަކީ ފުދުންތެރި ބާރުވެރި ބަޔަކަށް ހެދުމަށް ޓަކައި ހުރިހާ ފަރާތްތަކާ އެކު މަޝްވަރާކޮށްގެން މަސައްކަތް ކުރުމަށް ވެސް އެ އެއްބަސްވުމުގައި ހިމެނެ އެވެ.
މީގެ އިތުރުން، ޖިންސީ ތަފާތުކުރުންތައް ނައްތާލައި، އަންހެނުންގެ އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމުގައި ޒުވާނުން ބައިވެރިކޮށް، ރާއްޖެއިން ބައިވެރިވެފައިވާ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރާ ސަރަހައްދީ އަދި ބައިނަލްއަގުވާމީ މުއާހަދާތަކުގައިވާ ކަންކަން ރާއްޖޭގައި ތަންފީޒު ކުރުމަށް ދައުލަތަށް ބާރު އެޅުމަށްވެސް އެ އެއްބަސްވުމުގައި ހިމެނެ އެވެ.
އިއްޔެގެ ރަސްމިއްޔާތުގައި ކޮމިޝަނުގެ ބައެއް ބޭފުޅުންނާއި ހޯޕް ފޯ ވިމެންގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.