އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ބަދަލު ގެނެސްފައި ހުންނަ ޗެކްތައް ބަލައި ނުގަންނާނެ ކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކް، (އެމްއައިބީ) ބުނެފިއެވެ.

އެބޭންކުން ބުނި ގޮތުގައި އެގޮތަށް ނިންމާފައިވަނީ، ޗެކް އިމޭޖިން އެންޑް ޓްރަންކޭޝަން ސިސްޓަމް އިމްޕްލިމެންޓު ކުރުމާ ގުޅިގެން، އެ ސިސްޓަމަށް އެފަދަ ޗެކްތައް ބަލައި ނުގަންނާނެތީ ޗެކް ރިޓާން ކުރުން މަދު ކުރުމުގެ ގޮތުންނެވެ.

ޗެކް އިމޭޖިން އެންޑް ޓްރަންކޭޝަން ސިސްޓަމް މެދުވެރިކޮށް އެއް ދުވަސް ތެރޭގައި ޗެކް ކްލިއާކޮށްދޭނެ އެވެ. މީގެ ކުރިން ޗެކް ބަލައިގަންނަ ސިސްޓަމް މެދުވެރިކޮށް ޗެކް ކްލިއާ ވަނީ ތިން ދުވަސް ތެރޭގަ އެވެ.

އެ ބަދަލާއެކު ޗެކުތައް ކްލިއަރ ކުރުމަށްޓަކައި ކަސްޓަމަރުން ބޭންކަށް ޖަމާކުރާ ޗެކްތައް ސްކޭންކުރުމަށްފަހު އޭގައިވާ މަޢުލޫމާތު ޗެކުގެ އިމޭޖާ އެކު މިސިސްޓަމް މެދުވެރިކޮށް ބޭންކްތަކުގެ މެދުގައި ބަދަލުކުރެވޭނެއެވެ.

އެބަދަލު އަންނާތީ އެމްއެމްއޭއިން ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ބޭންކް ތަކުން ދޫކުރާ ޗެކްފޮތްތައް ވަކި ސްޓޭންޑަޑަކަށް ހެދުމަށް އަންގާފައެވެ.

  • ޗެކުގެ ސައިޒު:ދިގުމިނުގައި 7 އިންޗި އަދި ފުޅާމުނުގައި 3.5 އިންޗި

  • ޗެކުގެ ތާރީޚް،ރައްދުވާ ފަރާތް، ސޮއި، އަދި ޢަދަދު ޖެހުމަށް ހާއްސަކުރެވިފައިވާ ފީލްޑްތަށް އެއް މިންގަޑުތަކަށް ހުރުން
  • އަދި ޗެކުގައި މެގްނެޓިކް އިންކް ކެރެކްޓަރ ރިކޮގްނިޝަން މައިކަރ (ބޭންޑް ނުވަތަ ބަރކޯޑް ހިމެނިފައި ހުރުން)

އެ ޗެކްތަކަކީ ސްކޭންކޮށްގެން ބޭނުންކުރާ ޗެކްތަކަކަށްވުމުން ބާކޯޑް އަދި މައިކާ ޕްރިންޓް ބޭންޑް މަތީގައި ނުލިޔުމަށާއި ތައްގަނޑު ނުޖެހުމަށް ވެސް އެމްއެމްއޭއިން އިލްތިމާސްކުރެ އެވެ. އަދި ޗެކްތައް ފަށް ނުޖެހުމަށާއި ހީރަސް ނުޖެހުމަށް އެމްއެމްއޭއިން އިލްތިމާސްކުރެއެވެ.