22 Nov 2016, 14:37
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމަށް ތިން އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، ދިވެހި ގައުމީ އެއާލައިން، މޯލްޑިވިއަން އިން ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
މި ހަވީރު އޮންނާނީ މިހަފްތާގެ ބުރާސްފަތި ދުވަހު މާލޭގެ އިސްކަންދަރު މައިޒާނުގައެވެ. މި ހަވީރުގެ ތެރޭގައި ކުޑަކުދިންނަށް އެކި ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ފޭސް ޕެއިންޓިންއާއި ބެލޫން އާޓްސް އަދި ތްރޯވިން ކޭންސް ފަދަ ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ.
މޯލްޑިވިއަން އިން ބުނީ މި ހަވީރުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ކޮންމެވެސް އެއް ފަރާތަކަށް ބެންކޮކް ދެކޮޅު ޓިކެޓު ދިނުމަށްވެސް ހަމަޖައްސާފައިވާ ކަމަށެވެ.
ސަރުކާރުގެ ކާމިޔާބު ތިން އަހަރު ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވިއަން އިން މިފަދަ ހަރަކާތެއް ކުރިއަށް ގެންދަން ރާވާފައިވާއިރު ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުންވެސް ދަނީ މިފަދަ ހަރަކާތްތަކަށް ތައްޔާރު ވަމުންނެވެ.