22 Nov 2016, 09:45
ފުކުޝީމާ(ނޮވެމްބަރު 22): ޖަޕާނުގެ ފުކުޝީމާ އާއި މިޔާގީ ކައިރިއަށް އައި 6.9 މެގްނިޓިއުޑުގެ ބިންހެލުމަކަށް ފަހު އެއް މީޓަރަށް ވުރެ ބޮޑު ސުނާމީއެއް އެސަރަހައްދުގެ އައްސޭރިފަށަށް އަރައިފި އެވެ.
ޖަޕާނަށް އައި އެބިންހެލުމުގެ ސަބަބުން ފުކުޝީމާގެ ނިއުކްލިއާ ޕަވާޕްލާންޓުގެ ކޫލިން ސިސްޓަމްގައި މައްސަލައެއް ޖެހުނު ކަމަށް އޮފިޝަލުން ބުނެ އެވެ.
އެހާދިސާގައި އެއްވެސް މީހަކު މަރުވި ކަމުގެ ނުވަތަ އެއްވެސް މީހަކަށް ބޮޑެތި އަނިޔާތައް ލިބުނު ކަމުގެ ރިޕޯޓުކޮށްފައި އަދި ނުވެ އެވެ.
ހަވާއީގައި ހުންނަ ޕެސިފިކް ސުނާމީ ވާނިން ސެންޓަރުން ވަނީ ސުނާމީގެ ނުރައްކަލެއް މިހާރު ނެތް ކަމަށް ބުނެފައެވެ.
ދެހާސް އެގާރަ ވަނަ އަހަރު ހަމަ އެސަރަހައްދަށް އައި ބިންހެލުމެއްގައި 18،000 މީހަކު މަރުވެފައިވެ އެވެ.
އެ ބިންހެލުމާ ގުޅިގެން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ވަނީ ބުނެފައެވެ.