22 Nov 2016, 09:13
ފަތުރުވެރިކަމުގެ ތަފާތު ވައްތަރުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން ދާ ނަމަވެސް، ރާއްޖޭގައި މައިގަނޑު ގޮތެއްގައި އޮންނަނީ އެންމެ ދެ ތިން ވައްތަރުގެ ފަތުރުވެރިކަމެކެވެ. "ވަން އައިލެންޑް، ވަން ރިސޯޓު" ކޮންސެޕްޓަށް ރަށްރަށުގައި ޓޫރިސްޓު ރިސޯޓުތައް ހެދިފައި ހުންނަ އިރު، ހުރިހާ ރިސޯޓަކުންހެން ވެސް މޫދާއި ޗާލު ގޮނޑުދޮށްތަކާއި ވޯޓާ ސްޕޯޓްސްގެ ތަޖުރިބާ، މެހެމާނުންނަށް ފޯރުކޮށްދެއެވެ.
އެއަށް ފަހު މިހާރު ރާއްޖޭގައި ގެސްޓްހައުސް ޓޫރިޒަމްވެސް ތައާރަފުވެ، ދަނީ ބާރަށް ކުރިއަށެވެ. ރާއްޖޭގައި އެންމެ ހަލުއިކޮށް ކުރިއަރަމުން އަންނަ ދާއިރާއަކީ މިއީއެވެ. ގެސްޓްހައުސް ހިންގާ ފަރާތްތަކަށް އެކަމުގެ ނަފާވެސް ދަނީ ލިބެމުންނެވެ. ޖުމްލަކޮށް، ގެސްޓްހައުސްތައް ހުންނަ ރަށްރަށަށް ވެސް ގެސްޓްހައުސް ޓޫރިޒަމްގެ ނަފާ ލިބޭނެއެވެ.
ފަތުރުވެރިކަމުގެ ތަފާތު ވައްތަރުތައް ރާއްޖެއިން ހޯދައި ބަލައި، ތަންފީޒުކުރުމަކީ، ކޮށްގެން އެކަމުގެ މަންފާ މުޅި ރާއްޖެއަށް ވެސް ކުރެވިދާނެ ކަމެކެވެ. މިކަންކަމަށް ބޭރުގެ އިންވެސްޓަރުންނަށް ވެސް ފުރުސަތު އޮތީ ހުޅުވާލެވިފައެވެ.

އިރުފުށި އައިލެންޑް ރިސޯޓް އެންޑް ސްޕާ --
ނިއުދިއްލީގައި މިހާރު ކުރިޔަށްދާ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި، ރާއްޖޭގައި މެޑިކަލް ޓޫރިޒަމް، ނޯޓިކަލް ޓޫރިޒަމް އަދި "މައިސް" ޓޫރިޒަމް ތައާރަފުކޮށް، ކުރިއެރުވިދާނެއެވެ.
"މައިސް ޓޫރިޒަމަކީ" ކޯއްޗެއް؟
މައިސް އަކީ "މީޓިންގްސް، އިންސެންޓިވްސް، ކޮންވެންޝަންސް އެންޑް އެގްޒިބިޝަންސް" އަށް ބޭނުންކުރާ ކުރު ގޮތެކެވެ. ޖުމްލަ ގޮތެއްގައި، މައިސް ޓޫރިޒަމަކީ ބައްދަލުވުންތަކާއި، ޖަލްސާތަކާއި މައުރަޒުތައް އަދި މަސައްކަތު ބައްދަލުވުންތައް ބޭއްވުމަށް ރަނގަޅު ތަނެއް އިޚްތިޔާރުކޮށް، އެފަދަ ތަނަކަށް ގިނަ ބަޔަކު އެއްވެ ބައްދަލުވުމެއް ބޭއްވުމެވެ.
އެހެން ގޮތަކަށް ބުނާ ނަމަ އެއީ ޖަލްސާއާއި ބައްދަލުވުންތައް ބޭއްވުމަށް ތަންތަނަށް ދަތުރުކުރުމެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު -- ސަން ފޮޓޯ: މުހައްމަދު މާހިލް
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި، މައިސް ޓޫރިޒަމް، ފަތުރުވެރިކަމުގެ ބައެއްގެ ގޮތުގައި ރާއްޖެއިން ކެޕިޓަލައިޒްކޮށް ބޭނުންކޮށްފި ނަމަ، އެކަމުގެ ފައިދާ ރާއްޖެއަށް ކުރާނެއެވެ.
"ދުނިޔޭގައި ވަރަށް ކުރިއަރާފައިވާ މާކެޓެއް މި މާކެޓަކީ. ރާއްޖެއިން މައިސް ޓޫރިޒަމް ކެޕިޓަލައިޒް ކޮށްފިއްޔާ ވަރަށް ފުރުސަތުތައް ލިބޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި މިހާރުވެސް ބައްދަލުވުންތަކާއި ސެމިނާތައް ގިނަ ގިނައިން ބާއްވައެވެ. އަދި ބައިނަލްއަގުވާމީ އެވޯޑުތައް ދިނުމުގެ ޖަލްސާތައް ފަދަ ހަރަކާތްތައް ވެސް ރިސޯޓުތަކުގައި ކުރިޔަށް ދެއެވެ.
ނޯޓިކަލް ޓުއަރިޒަމް
ކަނޑުދަތުރުފަތުރުގެ ފަތުރުވެރިކަން މިއީ، މި ބާވަތުގެ ފަތުރުވެރިކަން އޮންނަ ގައުމުތަކުގައި، ހޫނު މޫސުމުގައި ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ކަމެކެވެ. ނޯޓިކަލް ޓޫރިޒަމަކީ ޗުއްޓީގެ ހަރަކާތްތަކާ އެކު ބޯޓިންގް ނުވަތަ ސެއިލިންގްއަށް ދިއުމެވެ. އެއް ބަނދަރުން އަނެއް ބަނދަރަށް ކްރޫޒް ޝިޕްތަކުގައި، ނުވަތަ ކުދި ބޯޓުފަހަރުގައި ދަތުރުކުރުމެވެ. އަދި ބޯޓުފަހަރުގެ ރޭސް ޖެހުމުގެ ހަރަކާތްތަކެވެ.
ނޯޓިކަލް ޓޫރިޒަމަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމުތަކުގައި ހިންގޭ ބާވަތެއްގެ ފަތުރުވެރިކަމެކެވެ. ޚާއްސަކޮށް ނެދަލެންޑްސް، އެމެރިކާ، ދެކުނު އެމެރިކާ އަދި ޕެސިފިކް ކަނޑުގެ ޖަޒީރާތަކުގައި މިއީ ހިނގާ އިންޑަސްޓްރީއެކެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު -- ސަން ފޮޓޯ: މުހައްމަދު މާހިލް
މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، މިއީ އޭޝިއާގައި ވެސް ކުރިއަރަމުން އަންނަ ޓުއަރިޒަމް ސެގްމެންޓެކެވެ. މި ބާވަތުގެ ޓޫރިޒަމަށް މަގުފަހިކުރުމަށް ރާއްޖޭގައި ބޭނުންވަނީ ބައިނަލްއަގުވާމީ ކްރޫޒް ޓާމިނަލްތަކެކެވެ.
"އިންޓަނޭޝަނަލް އެއާޕޯޓެއްގެ ސިފައިގައި އިންޓަނޭޝަނަލް ކްރޫޒް ޓާމިނަލްސް ހުންނަނީ. ތަފާތަކީ ރަންވޭ ނުހުންނަކަން. ސީ ލޭނެއް އޮންނާނީ. ރާއްޖޭގައި ކްރޫޒް ޓާމިނަލްތައް ނެތީ،" މިނިސްޓަރު ވިދަޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ ހުޅުވާލެވިފައިވާ ބޮޑު ކަނޑެއް އޮންނަ ގައުމަކަށް ވެފައި، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ވެސް ކަނޑުގައި އެކަށީގެންވާ މިންވަރަކަށް ފުންމިން ހުންނަ ކަމަށެވެ. އެހެންކަމުން މިއީވެސް ރާއްޖޭގައި ކުރެވިދާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.