22 Nov 2016, 08:32
އަލް މުދިޝް ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލުގައި ދިވެހި ސިފައިން ކްލަބު ބަލިކޮށް، މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.
ފައިނަލުގެ ފުރަތަމަ ޖާގަ މޯލްޑިވިއަނުން ހޯދާފައި ވަނީ ރޭ ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި ސިފައިންގެ މައްޗަށް 3-2 ސެޓުން ކުރި ހޯދައިގެންނެވެ. އެ މެޗުން ބަލިވި ސިފައިންނަކީ ނިމިގެންދިޔައީ ގައުމީ ވޮލީބޯޅަ ލީގުގައި ފިރިހެން ޑިވިޝަންގެ ޗެމްޕިއަނުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ ފުރަތަމަ ސެޓު 21-25 އިން މޯލްޑިވިއަނުން ގެންދިޔަ އިރު، އެ ޓީމުން ދެ ވަނަ ސެޓު ގެންދިޔައީ ވެސް 21-25 އިންނެވެ. ތިން ވަނަ ސެޓު 27-25 އިން ސިފައިން ގެންދިޔަ އިރު، 25-23 އިން ހަތަރު ވަނަ ސެޓު ގެންގޮސް ސިފައިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ ފަހު ސެޓު މޯލްޑިވިއަނުން ގެންދިޔައީ 15-17 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ މޯލްޑިވިއަންގެ ވިނިތު ކުމާރެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ ފައިނަލް މެޗުގައި މޯލްޑިވިއަން ނުކުންނަން ޖެހޭނީ މިރޭ ކުޅޭ ސެމީގެ ތިން ވަނަ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އެ މެޗުގައި ބައްދަލުކުރާނީ ރޭގެ މެޗުން ބަލިވި ސިފައިންނާއި ސެމީގެ ދެ ވަނަ މެޗުން މޮޅުވި ޕޮލިސް ކްލަބެވެ.