ރާއްޖޭގެ އިގުތިސާދު ބޮޑު އަނދަވަޅަކަށް ވެއްޓިފައިވަނީ ޒަމާނާއެކު ރާއްޖޭގެ އުފެއްދުންތެރި ކަމަށް އައިސްފައިވާ ތަހުޒީބާ އެއްވަރަށް، މަސައްކަތްތެރިން އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ރައްކާތެރިކޮށް ބާރުވެރިކޮށްދޭނެ ޤާނޫނުތަކެއް ނެތުމުގެ ސަބަބުން ކަމަށް މަސައްކަތްތެރިންގެ އިއްތިހާދުން ބުނެފި އެވެ.

މަސައްކަތެރިންގެ ހަތް ޖަމިއްޔާއެއް ބައިވެރިވާ އިއްތިހާދުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގައުމެއްގެ އިގުތިސާދު ހަރުދަނާކޮށް ނަގަހައްޓޭނީ އެ ގައުމެއްގެ އިގުތިސާދީ މައިދާނުގައި މުހިންމު ގާނޫނުތަކާއި ގަވާއިދާއި އުސޫލުތައް ކަނޑައެޅުމުގައި ސަރުކާރާއި ވިޔަފާރި ކުންފުނިތައްފަދަ ވަޒީފާދޭ ފަރާތްތަކާއި އެއްހަމައެއްގައި ވަޒީފާ އަދާކުރާ ފަރާތްތައް ވެސް ބާރުވެރިވެ، ހިއްސާވާނެ ޖާގަލިބިގެން ކަމަށެވެ.

ރާއްޖޭގައި ވަޒީފާއަދާކުރާ މުވައްޒަފުންނަށް ދޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ ރާއްޖޭގެ އިގުތިސޯދު ރަނގަޅުކުރުމަށް މިހާރުން މިހާރަށް އަޅަންޖެހޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް އިއްތިހާދުގެ އެބަޔާނުގައިވެ އެވެ.

"... މަސައްކަތުގެ އުޖޫރައެއް ކަނޑައެޅުންފަދަ މުހިއްމު ކަންކަމުގައި ދައުލަތާއި ވަޒީފާދޭ ފަރާތްތައް، މުވައްޒަފުންގެ މައްޗަށް ލިބިފައިވާ އިގުތިސާދީ ބާރުގެ އެއްވެސް އިމެއް އަދި މިންގަނޑެއްނެތި ބޭނުންކޮށް، ބޭއިންސާފުން އަމަލުކުރުމުގެ ސަބަބުން ގައުމަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ވަކިވަކި ފަރުދުންގެ މުށުތެރޭގައި ރައްކާކުރެވޭ އިގުތިސާދީ ނިޒާމެއް ރާއްޖޭގައި އަށަގެންފައިވުމާއި، ދައުލަތަށް ލިބިފައިވާ ބާރުތަކުގެ ނާޖާއިޒު ފައިދާ ނެގުމާއި ހަރުދަނާ އޮނިގަނޑެއްނެތި ހޭދަކުރުން އިތުރުވެފައިވުން ހިމެނޭ،" އެ ބަޔާނުގައިވެ އެވެ.

އިއްތިހާދުން އަދި ބުނެފައިވަނީ ވަޒީފާއަދާކުރާ މުވައްޒަފުންނަށް އެންމެ ކުޑަކޮށް ދެވޭނެ އުޖޫރައެއް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށް އެ އިއްތިހާދުން ދެކޭ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ދިވެހި ދައުލަތާއި ވަޒީފާދޭ ފަރާތްތަކުން މަސައްކަތްތެރިންގެ މައްޗަށް އޮތް އިގުތިސާދީ ނުފޫޒުން އެބައި މީހުން ރައްކާތެރިކުރުމަށާއި މަސައްކަތްތެރިން ކުރާ މަސައްކަތްތަކާ އެއްވަރުގެ އުޖޫރަ އެބައިމީހުންނަށް ކަށަވަރުވާނެތީ ކަމަށެވެ.

މިނިމަމްވޭޖް ގާއިމްކުރަން ފެންނަ ކަމަށާއި އެކަންތައް ކުރަންޖެހޭނީ އިގުތިސާދީ ގޮތުން ގައުމުގެ ހާލަތު މިހާރު އޮތް ގޮތް ރަނގަޅަށް ދިރާސާ ކުރުމަށްފަހު، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތައް ހަމަހަމަ ގޮތެއްގައި ތަމްސީލްކުރުމުގެ ފުރުސަތު އޮތް ޤާނޫނީ ބާރުލިބިގެންވާ މިނިވަން ބޯޑަކުން ކަމަށް ދެކޭ ކަމަށްވެސް އިއްތިހާދުން ބުނެ އެވެ.