މިނިވަން މުއަައްސަސާއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން ހިންގުމުގެ ފުރުސަތު ޖުޑީޝަރީން ދޭން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ "ޚަބަރަށް ފަހު" ޕްރޮގްރާމަށް ސްކައިޕް މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި ފުއާދު ވިދާޅުވީ ސިޔާސީ ޕާޓީތަކާއި، ޖުޑީޝަރީން އިލެކްޝަންސް ކޮމިޝަން ހިންގަވަން ތިއްބެވި ބޭފުޅުންނަށް މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ.

"ސިޔާސީ ޕާޓީތަކަށް އަދި ޖުޑީޝަރީއަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ކުރިއަށް ދިއުމަށްޓަކައި އިލެކްޝަންސް ކޮމިޝަން ހިންގަވަން ތިއްބެވި ބޭފުޅުންނަށް ފުރުސަތު ދެއްވާށޭ. އޭރުންނޭ ގައުމަށް ފަހި ފާގަތި، އޮމާން އަމާން މުސްތަގުބަލެއް އޮތީ،" ކޮލަންބޯގައި ހުންނެވި ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބަކީ ރައްޔިތުންގެ އަޑު އިއްވާ އެންމެ ބޮޑު ވަސީލަތް ކަމަށާއި އެހެން ކަމުން އިންތިހާބުތަކަކީ މިނިވަން އިންސާފުވެރި އިންތިހާބުތަކަކަށް ހަދަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި އިރު، ބައެއް ފަރާތްތަކުން އޭނާއަށް ވަކި ޕާޓީއެއްގެ ކޮޅަށް ޖެހިފައި ހުރި ކަމަށް ތުހުމަތު ކުރި ކަމަށާއި، ނަމަވެސް އެއީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫން ކަމަށެވެ.

"އަޅުގަނޑު އެއްވެސް ފަރާތަކަށް ފޭވާއެއް ކޮށްފައެއް ނުވާނެ،" ފުއާދު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި އިރު އެއްވެސް އިންތިހާބަކަށް ނުފޫޒު ފޯރުވާފައި ނޯންނާނެ ކަމަށާއި، ހުރިހާ އިންތިހާބެއް ވެސް އިންސާފުވެރި ކަމާއެކު ކުރިއަށް ގެންދެވުނު ކަމަށް ގަބޫލު ކުރައްވާ ކަމަށް ފުއާދު ވިދާޅުވި އެވެ.

ފުއާދުގެ ވާހަކަފުޅުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަން ޖެހޭނީ ޕީޕީއެމްގެ ރައީސް ފޮނުވާ އެއްޗެހި ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ޕީޕީއެމްގެ ރައީސަކީ ޕީޕީއެމްގެ މެމްބަރުން ހޮއްވަވާފައި ހުރި ޕީޕީއެމް ތަމްސީލު ކުރައްވާނެ އެންމެ އިސް ފަރާތް. އެހެންވީމާ ޕީޕީއެމްގެ ރައީސްގެ ފަރާތްޕުޅުން ފޮނުއްވޭ އެއްޗެހި ބަލައި ނުގަތުން ނުވަތަ ބާތިލް ކުރެއްވުން އެއީ ވަރަށް ބޮޑު ބޭއިންސާފެއް،" ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭއިންސާފުން ކަންތައްތައް ދާނަމަ ގައުމުގެ މަސްލަހަތު ގެއްލި ދެރަ ގޮތްތައް ދިމާވެދާނެ ކަމަށެވެ.

އެ ޕްރޮގްރާމުގައި ފުއާދު ދެއްކެވި ވާހަކަފުޅުގައި، އިލެކްޝަންސް ކޮމިޝަނާ މެދު ރައްޔިތުންގެ ހިތްތަކުގައި ޔަގީންކަމާ އިތުބާރު އަދި ނެތް ކަމަށާއި، އެހެން ކަމުން އީ-ވޯޓިން ބޭނުން ކުރުމުގެ ވަގުތު ނުޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން އީ ވޯޓިން އަށް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

"ކޮންމެވެސް ހިސާބަކުން އީވޯޓިން އަށް ދެވޭނެ ކަމަށް އުއްމީދު ކުރަން. އެހެން ނަމަވެސް އަދި އެވަގުތު ނުޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީވޯޓިންގެ ނިޒާމް ބޭނުން ކުރުމަކީ، އިންތިހާބުތަކުގެ ނަތީޖާ އަވަސް ކޮށްދޭނެ ކަމެއް ކަމަށާއި، މިހާރުވެސް ރާއްޖެއަކީ ނަތީޖާ ނެރުމުގައި ލަސް ގައުމެއް ނޫން ކަމަށެވެ.