22 Nov 2016, 00:02
ރަސްމީ ޖާފަތަކާއެކު، ތިންވަނަ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގެ ހަރަކާތްތައް މިރޭ ފަށައިފިއެވެ.
ނިއުދިއްލީގެ ތާޖު ޕެލެސް ހޮޓެލްގައި މިރޭ އޮތް ގާލާ ޖާފަތް ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދެވެ. މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމަކީ، ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތައް ބޭރުގެ ވިޔަފާރިވެރިންނާ ހިއްސާ ކުރުމަށް ބާއްވާ ހަރަކާތެކެވެ. ދެހާސްސާދައިން ފެށިގެން ދުނިޔޭގެ ދެ ގައުމެއްގައި މި ފޯރަމް ބާއްވާފައިވާއިރު، މިއަހަރު އެ ފޯރަމް އޮންނާނީ މާދަމާ، ނިއުދިއްލީގެ ޓާޖް ޕެލެސް ހޮޓެލްގަ އެވެ.
މިރޭގެ ޖާފަތަކީ އިންވެސްޓްމެންޓް ފޯރަމްގެ ހަރަކާތްތަކުގެ ރަސްމީ ލޯންޗިންގްއެވެ. ނަމަވެސް ފޯރަމް ހުޅުވުމާއި، ވިޔަފާރިވެރިންގެ ބައްދަލުވުންތައް އޮންނާނީ މާދަމާއެވެ. މި ޖާފަތުގައި އިންޑިއާގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވި އެވެ. އަދި ފޯރަމްގައި ބައިވެރިވާ ރާއްޖޭގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާއި، ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ޖާފަތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖެއަކީ އިންވެސްޓް ކުރުމަށް ފަހި ފުރުސަތުތަކެއް ހުރި ތަނެއް ކަމަށާއި، މާދަމާ އޮންނަ ފޯރަމަށް އިންޑިއާގެ ވީހާވެސް ގިނަ އިންވެސްޓަރުން އައުމަށް ދައުވަތު ދެއްވާ ކަމަށެވެ.
"މާދަމާ ތިޔަވޭފުޅުންނަށް ހާމަވެގެން ދާނެ އަޅުގަނޑުމެންނާ ގުޅިގެން ކުރިޔަށް ގެންދެވޭނެ ވިޔަފާރީގެ ފުރުސަތުތަކާ ބެހޭ މައުލޫމާތުތައް. މި ފުރުސަތުތައް ތިޔަބޭފުޅުންނަށް ކެޕިޓަލައިޒް ކުރުމުގެ މަގު ފަހިވެގެން ދާނެ. އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންނާ ރާއްޖެއާ ގުޅުވައިދިނުމަށް،" ސައީދު ވިދާޅުވިއެވެ.
މިރޭގެ ހަފްލާގައި، އިންވެސްޓްމެންޓް ފޯރަމްގައި އެކި ގިންތިތަކުން ސްޕޮންސާޝިޕް ހަދާފައިވާ ކުންފުނިތަކުގެ އަގު ވަޒަންކޮށް، އެފަރާތްތަކަށް ހަނދާނީ ފިލައާއި ހަނދާނީ ލިޔުން ދީފައިވެއެވެ. މީގެ އިތުރުން، އިންޑިއާ އާއި ރާއްޖޭގެ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް ދައްކާލާފައިވެ އެވެ. ރާއްޖޭގެ ފަރާތުން ރެގޭ ލަވަކިޔުންތެރިޔާ ހައިޝަމް މުހައްމަދު ރާޝިދު، މޯލްޑިވިއަން އައިޑަލްގެ ރަނަރ އަޕް ޝަލަބީ އިބްރާހިމް އަދި ޕާމް ޓޯންސް ބޭންޑުގެ އަޑުތައް އިވިގެން ދިޔައީ، އިންޑިއާގެ މިއުޒީޝަނުންގެ ތަބްލާ އާއި ސިތާރުގެ އަޑާ އެކުގައެވެ. މީގެ އިތުރުން އިންޑިއާގެ ސަގާފީ ނެށުންތަކެއް ވެސް ދައްކާލާފައިވެއެވެ.
މިއަދު ހެނދުނު މީޑިއާއާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން، މިނިސްޓަރު ސައީދު ވިދާޅުވީ މާދަމާ އޮންނަ އިންވެސްޓްމެންޓް ފޯރަމްގައި ސަރުކާރުން ބޮޑަށް އަމާޒުކުރާނީ، މިހާރު ފަށާފައިވާ ބޮޑެތި ބިޔަ އިންވެސްޓްމެންޓުތަކާ ގުޅިގެން ދެން ފުރިހަމަކުރަންޖެހޭ ޚިދުމަތްތަކުގެ ދާއިރާތަކުން އިންވެސްޓަރުން ހޯދުމަށް ކަމަށެވެ.
"އެއާޕޯޓު އެކްސްޕޭންޝަން ވާހަކަ އައްސަވާނެ. އަދި 50 ރިސޯޓުގެ ވާހަކަވެސް އަޑު އައްސަވާނެ. ވަރަށް ބޮޑެތި އިންވެސްޓްމެންޓްތައް މިއީ. މިއާ އެކު އެބަ އުފެދޭ ގެޕްތަކެއް. ރިއަލް އެސްޓޭޓް، ޓްރާންސްޕޯޓު، ލޮޖިސްޓިކްސް، ރިނިއުބަލް އެނާޖީ ފަދަ ކަންކަން،" ރާއްޖެއިން ޕްރޮމޯޓުކުރާނެ ފުރުސަތުތަކާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ރިނިއުބަލް އެނާޖީގެ ކަންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ރާއްޖޭގައި ގާއިމުކުރެވޭ ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގެ ތެރޭގައި، ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ޕްރޮސެސިންޓް ސެންޓަރުތައް ރާއްޖޭގައި ގާއިމު ކުރެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.