ރާއްޖެ ވަނީ ބޭރުގެ ވިޔަފާރިވެރިންނަށް ހުޅުވާލާފައި ކަމަށާއި، އިންވެސްޓަރުންނަށް ދެރައެއް ނުދެއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނިއުދިއްލީގައި މާދަމާ ފަށާ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް 2016 ގެ ކުރިން މިރޭ ބޭއްވި ގާލާ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖެއިން މީގެ ކުރިން އިޝްތިހާރުކުރަނީ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އެކަނި ނަމަވެސް، މިހާރު އެ އުކުޅު ސަރުކާރުން ވާނީ ބަދަލުކޮށްފައި ކަމަށެވެ.

"މީގެ ކުރިން އަޅުގަނޑުމެން ނުދަން ދުނިޔޭގެ ބޮޑެތި ސިޓީތަކަށް، ރާއްޖޭގައި އިތުރު ފުރުސަތުތަކެއް ހުރިކަން، ރާއްޖެއަށް ވިޔަފާރިވެރިން އައިސް އިންވެސްޓުކޮށް، ދެފަރާތަށް ފައިދާވާނެ ފަދަ ވިޔަފާރިތަކެއް ކުރާނެ ފުރުސަތުތަކެއް ހުރިކަން އެންގުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް 2016 ގެ ގާލާ ޖާފަތުގައި މިނިސްޓަރު ސައީދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މާހިލް މުހައްމަދު

ސައީދު ވިދާޅުވީ ވަކިން ޚާއްސަކޮށް ދިއްލީއާ އެންމެ ތިން ވަރަކަށް ގަޑިއިރު ދުރުގައި މަތިންދާ ބޯޓުގައި ދެވޭ ހިސާބުގައި ރާއްޖެ އޮންނަ އިރު، އިންޑިއާގެ ވިޔަފާރިވެރިންނަށް ވެސް އެކަށޭނަ ފުރުސަތުތަކެއް ރާއްޖޭގައި ހުންނާނެ ކަމަށެވެ.

"ތިޔަބޭފުޅުންގެ ގައުމާ ތިން ގަޑިއިރު ދުރުގައި މި އޮންނަނީ ތިޔަބޭފުޅުންގެ ވިޔަފާރިއަށް އެންމެ އެކަށީގެންވާ، ޖަންނަތެއް ފަދަ ތަނެއް، އަޅުގަނޑުމެންގެ މާ ބޮޑު ބިމެއް އޮތީކީ ނޫން. އެކަމަކުވެސް ވިޔަފާރީގެ އިހްސާސްތައް ރާއްޖޭގައި ވެސް ކުރެވޭނެ. އެފަދަ ތަނެއްގައި ވިޔަފާރީގެ މުއާމަލާތްތައް ކުރުމަކީ ބުއްދިވެސް ހަމަޖެހޭ ކަމެއް. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ތިޔަވޭފުޅުންނާ އަޅުގަނޑުމެންގެ ވިޔަފާރިތަކާ ގުޅައިދިނުމަށް،" ސައީދު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ގިނަ އަހަރުތަކެއް ވަންދެން ރާއްޖޭގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ އޮޕަރޭޓު ކުރަމުން އަންނަ ކަމަށާއި، އިންޑިއާގެ އެހެނިހެން ވިޔަފާރިތައް ވެސް ރާއްޖޭގައި ހުންނަ ކަމަށެވެ.

"މިފަހަރުގެ ފޯރަމްގައި އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އަޅުގަނޑުމެންގެ ވިޔަފާރިވެރިންނާއި އިންޑިއާގެ ވިޔަފާރިވެރިންނާ ގުޅުވައިދިނުމަށް،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް 2016 ގެ ގާލާ ޖާފަތުގައި ނައިބު ރައީސް ޖިހާދާއި، މިނިސްޓަރު ސައީދު -- ސަން ފޮޓޯ/ މާހިލް މުހައްމަދު

ސައީދު ވިދާޅުވީ ރާއްޖޭގެ ވެރިއަކަށް ހުންނެވީ، އިގްތިސާދީ ބޮޑު އެޖެންޑާއެއް ތަންފީޒުކުރަމުންދާ، ވިޔަފާރިވެރި ލީޑަރެއް ކަމަށާއި، ރާއްޖެ އޮތީ ވިޔަފާރިއަށް މުޅިން ހުޅުވާލެވިފައި ކަމަށެވެ. އަދި ރާއްޖެއިން ވިޔަފާރިވެރިން ނުރުހޭ ގޮތަކަށް ދުވަހަކުވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި، ރާއްޖެއިން ވާ ވައުދުތަކަށް ވެސް ރާއްޖެއިން އިހްތިރާމް ކުރާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީ ވިޔަފާރިވެރިން ގުޅާއިދިނުމަށް އެހީތެރިވެދޭން. އަޅުގަނޑުމެން ނޯންނާނެ ވިޔަފާރިވެރިންނަށް ދެރައެއް ދީފައެއް، ނުވަތަ ދޭ ޔަގީންކަމަކާ ދެކޮޅަށް އަމަލު ކޮށްފައެއް. ރާއްޖެ އޮތީ ވިޔަފާރިއަށް ހުޅުވާލެވިފައި. ރާއްޖޭގައި ހުންނެވި ލީޑަރަކީ ވިޔަފާރީގެ ކަންކަމަށް ސީރިއަސް، އަދި ވަރަށް އުންމީދީ އިގްތިސާދީ ތަސައްވަރެއް ތަންފީޒުކުރައްވާ ބޭފުޅެއް،" ސައީދު ވިދާޅުވިއެވެ.

އިންވެސްޓްމެންޓް ފޯރަމްގެ ގާލާ ޖާފަތް މިރޭ ބާއްވާފައިވާ އިރު، ފޯރަމް އޮންނާނީ މާދަމާއެވެ.