21 Nov 2016, 22:46
ރާއްޖޭގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އިންޑިއާގެ ނައިބު ރައީސް އެމް ހާމިދު އަންސާރީ އާ މިރޭ ބައްދަލު ކުރައްވައިފި އެވެ.
އެ ބައްދަލު ކުރެއްވުން އޮތީ މިރޭ އިންޑިއާގެ ނިއުދިއްލީގެ ތާޖް ޕެލެސް ހޮޓެލްގަ އެވެ.
އެ ދެ ބޭފުޅުންގެ ބައްދަލު ކުރެއްވުމުގައި ސަރަހައްދީ ރައްކާތެރިކަމާއި ދެ ގައުމުގެ ދެމެދުގައި ކުރާ ވިޔަފާރި މުއާމަލާތްތައް އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރައްވާފައިވެ އެވެ. އެގޮތުން ބޭންކިން އަދި މާލީ ދާއިރާ ހަރުދަނާ ކުރުމުގެ މުހިއްމު ކަމާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
ދެ ނައިބު ރައީސުންގެ އެ ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.
ނައިބު ރައީސް މިވަގުތު އިންޑިއާއަށް ވަޑައިގެން ހުންނެވީ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ. އެ ރަސްމިއްޔާތު މާދަމާ ހެނދުނު ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ނައިބު ރައީސް ވަނީ މިރޭ ބޭއްވި މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގެ ގާލާ ޖާފަތުގައި ބައިވެރިވެ ވަޑައިގެންފަ އެވެ.