ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް ބޭންކުތަކުން ޑޮލަރު ދޫކުރުން ހުއްޓާލައި، މަރުކަޒީ ބޭންކް އެމްއެމްއޭއިން ޑޮލަރު ދޫކުރަން ފެށިތާ މިވީ ދެ ދުވަސް ތެރޭގައި ޖުމްލަ 1.3 މިލިއަން ޑޮލަރު ދޫކުރެވިފައިވާ ކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭގެހެޑް އޮފް ކްރެޑިޓް ގެރެންޓީ ޑިޕާޓްމެންޓު، އިބްރާހިމް ނާސިރު "ސަން"އަށް ވިދާޅުވީ އެމްއެމްއޭ މެދުވެރިކޮށް ޑޮލަރު ވިއްކަން ފެށި ފުރަތަމަ ދުވަހު، މި މަހުގެ 20 ވަނަ ދުވަހު އެކަނިވެސް 802،125 ޑޮލަރު ދޫކުރެވުނު ކަމަށެވެ. އަދި ޖެހިގެން އައި ނޮވެމްބަރު 21 ވަނަ ދުވަހު ދޫކުރެވިފައިވަނީ 527،650 ޑޮލަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނާސިރު ވިދާޅުވީ 20 ވަނަ ދުވަހު ޖުމްލަ 535 ކަސްޓަމަރުންނަށް 1629 ޓިކެޓަށް ވާ ވަރަށް ޑޮލަރު ދޫކޮށްފައިވާ ކަމަށެވެ. އަދި 21 ވަނަ ދުވަހު 381 ކަސްޓަމަރަކަށް 1057 ޓިކެޓަށް ވާ ވަރަށް ޑޮލަރު ދޫކޮށްފައިވާ ކަމަށްވެސް އޭނާ ވިފާޅުވިއެވެ.

ބޮޑު ޗުއްޓީއާ ދިމާކޮށް، ޗުއްޓީއަށާއި އެހެނިހެން ބޭނުންތަކަށް ރާއްޖެއިން ބޭރަށް ދާ ދިވެހިންނަށް ޑޮލަރު ދޫކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސުމުގެ މަގްސަދުގައި މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ ހަތް ވަނަ ދުވަހުގެ ނިޔަލަށް ޑޮލަރު ދޫކުރާނީ އެމްއެމްއޭއިންނެވެ. އެގޮތުން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ފެށިގެން ހަވީރު 06:00 އާ ހަމައަށް ޑޮލަރު ގަންނަން އަންނަ ފަރާތްތަކުގެ ޕާސްޕޯޓާއި ޓިކެޓް ވެރިފައި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖައްސާފައިވާއިރު، ހަވީރު 16:00 އިން ރޭގަނޑު 20:00 އާ ހަމައަށް ވެރިފައިކުރާ ޓިކެޓްތަކަށް ޑޮލަރު ދޫކުރަން ވަނީ ހަމަޖައްސާފައެވެ.

ކޮންމެ ޓިކެޓަކަށް 500 ޑޮލަރު ވިއްކުމަށް ނިންމާފައިވާއިރު ޑޮލަރު ވިއްކުމަށް ނިންމާފައިވަނީ ފުރާ ދުވަހުގެ ހަތް ދުވަސް ކުރިންނެވެ. އަދި އަތޮޅުތެރޭ ބެންކްތަކުން ވިއްކާ ޑޮލަރު ހަމަ ކުރިއެކޭވެސް އެއްގޮތަށް ވިއްކާނެކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.