21 Nov 2016, 20:10
ދިވެހިރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މިޓްރޮލޮޖިކަލް ސާވިސް ސެންޓަރު (މެޓް) އައިއެސްއޯގެ އެންމެ މަތީ ސްޓޭންޑަށް ނުވަތަ 9001 ގެ ސެޓްފިކެޓެއް ހޯދުމުގެ މަސައްކަތްތައް ކުރައްވަމުން އަންނަ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މެޓުން ވޭތުވެދިޔަ ތިން އަހަރު ހޯދާފައިވާ މައުލޫމާތުތައް ނޫސްވެރިންނަށް ހިއްސާކުރުމަށް މިއަދު މެޓް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ ކުޑަ ގައުމަކަށް ވާއިރު، މެޓް ފަދަ އިދާރާއެއް އެންމެ ފަހުގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގުން މުހިންމު ކަމަށެވެ.
ނޮވެމްބަރ 21، 2016: މެޓް އޮފީހުން ހޯދާފައިވާ ކާމިޔާބީތައް ނޫސްވެރިންނާ ހިއްސާކުރުމާއި މެޓް އޮފީހުގެ މަސައްކަތްތައް ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިނިސްޓަރު ވިދާޅުވީ، ރާއްޖެ ސަރަހައްދުގައި ހުރި އެންމެ ފެންވަރު ރަނގަޅު މޫސުމާ ބެހޭ އިދާރާ އަކަށް ރާއްޖެ ހަދާނެ ކަމަށެވެ. އެގޮތުން އައިއެސްއޯ 9001 ގެ ސެޓްފިކެޓެއް އެ އިދާރާ އަށް ހޯދުމުގެ މަސައްކަތްތައް ކުރައްވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އައިއެސްއޯ ސެޓްފިކެޓް ހޯދުމަށް މިހާރު އަޅުގަނޑުމެން މިދަނީ މަސައްކަތްތައް ކުރަމުން. އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން އައިއެސްއޯ ސެޓްފިކެޓްގެ މަސައްކަތްތައް، ކުރަންޖެހޭ މުހިންމު ހުރިހާކަމެއް ކޮށް ނިމޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ނޮވެމްބަރ 21، 2016: މެޓް އޮފީހުން ހޯދާފައިވާ ކާމިޔާބީތައް ނޫސްވެރިންނާ ހިއްސާކުރުމާއި މެޓް އޮފީހުގެ މަސައްކަތްތައް ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ ފަޔާޒު މޫސާ
މިނިސްޓަރު ވިދާޅުވީ އެ ސްޓޭންޑަޑަށް ފެއްތުމަށްޓަކައި ކުރަންޖެހޭ އެސެސްމެންޓްތަކުގެ މަސައްކަތްތައް ވެސް މިހާރު ނިމިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފަންނީ ގާބިލުކަން އިތުރުކުރުމާއި، މުވައްޒަފުންނަށް އެކަށީގެންވާ އެންމެ ފަހުގެ ތަމްރީނުތަކާއި ތަޖުރިބާތައް ދިނުމުގެ ކަންކަން ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނޮވެމްބަރ 21، 2016: މެޓް އޮފީހުން ހޯދާފައިވާ ކާމިޔާބީތައް ނޫސްވެރިންނާ ހިއްސާކުރުމާއި މެޓް އޮފީހުގެ މަސައްކަތްތައް ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ// ފަޔާޒު މޫސާ
އައިއެސްއޯ 9001 ގެ ސްޓޭންޑަޑަކީ މިހާރު ވެސް ދުނިޔޭގެ 170 ގައުމަކުން އެތައް ކުންފުނިތަކެއް ފޮލޯކުރަމުން އަންނަ ސްޓޭންޑަޑެކެވެ.
އެ ސްޓޭންޑަޑަށް ފައްތާފައިވާ ކުންފުނިތަކަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތްތަކެއްދީ، ތަނުގެ މެނޭޖްމަންޓް ވަރުގަދަކޮށް، ވަކި ގޮތްތަކެއްގެ މަތިން ހިންގުމަށް ކަނޑައަޅާފައިވާ ސްޓޭންޑަޑެކެވެ.