21 Nov 2016, 19:19
ނިއު ރޭޓިއަންޓްގެ މައްޗަށް 4-0ގެ ނަތީޖާ އަކުން ކުރި ހޯދައި ޕްރެޒިޑެންޓް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ޓީސީ ސްޕޯޓްސް ކްލަބް ދަތުރުކޮށްފި އެވެ.
ދެ ގްރޫޕް އަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ސެމީ ފައިނަލަށް ޓީސީ ދަތުރުކުރީ ތިން ޕޮއިންޓާ އެކު ދެވަނަ ޓީމްގެ ގޮތުގަ އެވެ. އެއް ވަނަ ޓީމުގެ ގޮތުގައި ހަ ޕޮއިންޓާ އެކު ސެމީއަށް ދަތުރުކުރީ ކްލަބް އީގަލްސްއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު އެ މެޗުގެ ކުރީ ކޮޅުގައި ޓީސީން ވަނީ ލީޑް ނަގާފައެވެ. މެޗުގެ ހަތަރު ވަނަ މިނެޓްގައި ޓީސީއަށް އެގޯލު ކާމިޔާބްކޮށްދިނީ ނާއިޒް ހަސަން(ދާދު) އެވެ. ޓީސީގެ ދެވަނަ ގޯލު 24 ވަނަ މިނެޓްގައި ކާމިޔާބްކޮށްދިނީ މުހައްމަދު ނާޒިމެވެ.
ނިއުއަށް އިތުރު މައްސަލަތަކާ ކުރިމަތިލާން ޖެހުނީ ދެވަނަ ހާފް ނިމެން ދިހަވަރަކަށް މިނެޓަށް ވެފައިވަނިކޮށް އަނިޔާވެގެން އެޓީމް ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) ބަދަލު ކުރަން ޖެހުނު ހިސާބުންނެވެ. ހޮކޭއަށް އަނިޔާވީ ބޯޅަ ހޯދުމަށް ފުންމާލި ވަގުތު ޓީސީގެ އަހުމަދު ފައްރާހު ފަހަތުން ކުރި ޓެކުލް އަކާއި ގުޅިގެންނެވެ.
ހޮކޭ ބަދަލުކުރިތާ މިނެޓެއް ވެސް ނުވަނީސް ޓީސީގެ ތިން ވަނަ ގޯލު އިބްރާހިމް ވަހީދު ވަނީ ކާމިޔާބްކޮށްފަ އެވެ.
ނިއުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މެޗުގައި ޓީސީގެ ގޯލާއި އަމާޒުކޮށް އެ ޓީމަށް ފޮނުވާލެވިފައި ވަނީ މަދު ބޯޅައެކެވެ. އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ދެވަނަ ހާފްގެ ކުރީ ކޮޅުގައި ހަމްޒާ މުހައްމަދު (ހަމްޕް) އަށެވެ. ނަމަވެސް ޓީސީގެ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ ހަމްޕް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ޓީސީގެ ފަހު ގޯލު މެޗުގެ 73 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގައި އަލީ ފާސިރު(ސެންޓޭ) އެވެ. ޓީސީގެ ލީޑު އިތުރަށް ފުޅާ ކުރުމަށް މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައި އެ ޓީމަށް ދެވަނަ ޕެނަލްޓީއެއް ލިބުނު ނަމަވެސް ސެންޓޭ ފޮނުވާލި އެ ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ދަނޑިމަތިން ބޭރަށެވެ.
އެ މުބާރާތުގައި ކުޅުނު ދެމެޗުން ވެސް ބަލިވެ ނިއު ކަޓާފައިވާއިރު އެޓީމަށް މިވަނީ މިއަހަރުގެ ސީޒަން ވެސް ނިމިފަ އެވެ. މިއަދުގެ މެޗުން މޮޅުވި ޓީސީ ސެމީ ފައިނަލްގައި ބައްދަލު ކުރާނީ ގްރޫޕް ބީގެ އެއްވަނަ ޓީމާއި ދެކޮޅަށެވެ. ގްރޫޕް ބީގެ އެއްވަނަ ޓީމް ކަށަވަރު ވާނީ މިރޭ މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރާ މެޗަށްފަހުގައެވެ.