21 Nov 2016, 18:20
ފުލުހުންނަށް ހުށަހަޅާފައިވާ އަބުރުގެ މައްސަލައަކާ ގުޅިގެން "މިހާރު" ނޫހުގެ ނޫސްވެރިޔަކު ފުލުސް އޮފީހަށް ހާޒިރުކޮށް، ބަޔާން ނަގައިފި އެވެ.
މިހާރު ނޫހުގެ ނޫސްވެރިޔާ ފަޒީނާ އަހުމަދު ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވަނީ "އެއީ އެމްޑީޕީގެ މެމްބަރުންނެއް ނޫން، އެޖެންޑާއަކީ ޕާޓީ ހަލާކުކޮށްލުން: ޝިފާޒް" މި ސުރުހީގެ ދަށުން އެ ނޫހުގައި ލިޔެފައިވާ ޚަބަރަކާ ގުޅިގެންނެވެ. އެ ޚަބަރު ގެނެސްދީފައި ވަނީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އެ ނޫހަށް ދެއްވި އިންޓަވިއުއެއްގެ މައްޗަށް ބިނާކޮށެވެ.
މިއީ އަބުރު ރައްކާތެރި ކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނަށް އަމަލު ކުރަން ފެށިފަހުން ފުލުހުން ތަހުގީގު ކުރަން ފެށި އަބުރުގެ ފުރަތަމަ މައްސަލައެވެ.
ފަޒީނާ ފުލުހަށް ހާޒިރު ކުރީ އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން ހުށަހެޅުއްވި އަބުރުގެ މައްސަލައަކާ ގުޅިގެންނެވެ.
ފަޒީނާ ބުނީ މިއަދު ހެނދުނު ފުލުހުންގެ އިދާރާ އަށް ގާނޫނީ ވަކީލާކާއެކު ހާޒިރުވެ، ދެ ސޮފްހާގެ ބަޔާނެއް ދީފައިވާނެ ކަމަށެވެ.
އޭނާ މިއަދު ހާޒިރުކުރީ ކުށެއްގެ ތުހުމަތުގައިކަން އަންގާފައި ނުވާ ކަމަށާއި އިންވެސްޓިގޭޝަން އޮފިސަރު ހަމައެކަނި ވިދާޅުވީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރަން ހާޒިރުކުރީ ކަމަށް ފަޒީނާ ބުންޏެވެ.
އެކަމާ ބެހޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަޒީނާ ހާޒިރުކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
ފުލުހުންނަށް އަބުރުގެ މައްސަލަ ހުށަހެޅި ޝުޖާއު "ސަން"އަށް މިއަދު ވިދާޅުވީ އޭނާއަކީ އެމްޑީއޭގެ މެމްބަރެއް ކަމަށް ބުނެ ޝިފާޒާ ހަވާލާދީ މިހާރު ނޫހުގައި ފަޒީނާ ޚަބަރެއް ލިޔެފައިވާ ކަމަށެވެ. އެ ޚަބަރު އޮތް ގޮތުން އޭނާގެ އަބުރާ ބެހިފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ބަޔާނެއް ދީފައިވާނެ ކަމަށެވެ. ފުލުހުންގެ ކިބައިން އެދުނީ އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގައި ޖިނާއީ ދައުވާ ކުރަންޖެހޭ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"އެއީ މުހައްމަދު ޝިފާޒު ކަމުގައި ވިޔަސް ނުވަތަ އެއީ ފަޒީނާ އަހުމަދު ކަމުގައި ވިޔަސް، އެ މައްސަލާގައި ޖިނާއީ ދައުވާ ކުރަންޖެހޭ އެންމެހައި ފަރާތްތަކެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އަޅުގަނޑު އެދިފައިވާނީ،" ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ އޭނާ އަކީ އެމްޑީއޭގެ މެމްބަރެއް ކަމަށް ޝިފާޒު ވިދާޅުވިއިރު، އެކަމާ ގުޅޭގޮތުން މައްސަލަ ރައްދުވާ ފަރާތުގެ ހައިސިއްޔަތުން އޭނާގެ ބަހެއް ޚަބަރުގައި ގެނެސްދީފައިނުވާ ކަމަށެވެ. ހަމައެހެންމެ އެކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ބަހެއް ގެނެސްދީފައިނުވާ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
އެކަމާ ބެހޭ ގޮތުން އެމްޑީޕީގެ ނައިބު ރައީސް ޝިފާޒުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.