ކަނޑުދަތުރު ކުރާ އުޅަނދުތައް ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ.

ސްކޫލު ބަންދާ ދިމާކޮށް އިއްޔެ ފެށި އެ އޮޕަރޭޝަނުގައި ދަތުރުފަތުރު ކުރާ އުޅަނދުތަކުގައި ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްފައިވޭތޯ ބަލައި ފާސްކުރާނެ އެވެ.

އެގޮތުން ފުރާ އުޅަނދު ފަހަރުގެ ބަރުމަރުކާއި ޕަސެންޖަރުނެގެ އަދަދާއި، ބޯޓުގައި ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ވަސީލަތްތައް ހަމައަށް ހުރިތޯ ބަލައި، އެއްވެސް އިކުއިޕްމެންޓެއް ހަލާކުވެފައި ހުރިތޯ ބަލައި ފާސްކުރާނެ އެވެ. އަދި އޭގެ އިތުރުން މި ދުވަސް ވަރަކީ މޫސުން ގޯސް ދުވަސް ވަރަކަށް ވުމުން އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ދަތުރުކުރުމަށާއި ފާހަގަ ކުރެވިފައިވާ ސަލާމަތީ ކަންތައްތައް ރަނގަޅު ކޮށްގެން ދުއްވުމަށް ނަސޭހަތްތެރިވަމުން ދާ ކަމަށް ފުލުހުން ބުނެ އެވެ.

މެރިން ޕޮލިސް ޑިޕާޓްމަންޓުން ކުރިއަށް ގެންދާ އެ އޮޕަރޭޝަނުގައި މީރު ބަހުރުވަ ބަނދަރުން ފުރާ ބޯޓް ފަހަރާއި އެބަނދަރުގައި އަޅާފައިވާ ބޯޓްތަކާއި ފެރީ ޓާމިނަލް ސަރަހައްދުން ފުރާ ފެރީތަކުގެ އިތުރުން ޓީ ޖެޓީ ސަރަހައްދުން ފުރާ އުޅަނދުތަކާއި އެސަރަޙައްދުގައި އަޅާފައިވާ އުޅަނދުތައް ބަލައި ފާސްކުރާނެ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނާ ގޮތުގައި އެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިމަހުގެ ނިޔަލަށެވެ.