ދިވެހި ފުޓްބޯޅަ ކުރިއަރުވައި ތަރައްގީކުރުމަށް، ފުޓްބޯޅަ އާއިލާއަށް ވީ ހުރިހާ ވައުދުތަކެއް ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރައްވާނެ ކަމަށް، އެފްއޭއެމްގެ ރައީސްކަމަށް އަލަށް އިންތިޚާބުވި، ބައްސާމް އަދީލް ޖަލީލު ވިދާޅުވެއްޖެއެވެ.

ސްޓެލްކޯ ސެމިނާ ރޫމްގައި، އާދީއްތަ ދުވަހު ހެނދުނު ބޭއްވި އެފްއޭއެމްގެ ހިންގާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރައްވައި ބައްސާމް ވަނީ، އެފްއޭއެމްގެ ކުރީގެ ރައީސް އަހްމަދު ޠާރިޤު (ޓޮމް)ގެ މައްޗަށް ތިން ވޯޓުގެ ތަފާތުން ކުރި ހޯއްދަވައި އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ. ބައްސާމަށް ލިބިވަޑައިގެންނެވީ 14 ވޯޓެވެ. ޓޮމް އަށް ލިބިވަޑައިގެންނެވީ 11 ވޯޓެވެ.

އިންތިޚާބު ކާމިޔާބުކުރެއްވުމަށް ފަހު، ނޫސްވެރީންނާ ބައްދަލުކުރައްވައި، ބައްސާމް ވަނީ، ދިވެހި ފުޓްބޯޅަ އާ ހަރުފަތަކަށް ގެންދާނޭ ކަމަށް ވިދާޅުވެ، ފުޓްބޯޅަ އާއިލާއަށް ބޮޑެތި ވައުދުތަކެއް ވެވަޑައިގެންފައެވެ.

އެގޮތުން، އަތޮޅުތަކުގެ ފުޓްބޯޅައަށް ހާއްސަ ސަމާލުކަމެއް ދިނުމާއި، ދިވެހި ފުޓްބޯޅަ ކްލަބުތައް އަމިއްލަ ފައިމައްޗަށް ތެދުވެ، ކުރިއަށް ދެވޭނޭ ބައެއްގެ ގޮތުގައި ހެދުމަކީ، އޭނާގެ ދައުރުގެ އެންމެ މުހިއްމު އަމާޒުކަމުގައި ހައްދަވާނޭ ކަމަށް ވިދާޅުވިއެވެ.

"އެގޮތުން ފުރަތަމަ ޑިވިޝަނުގެ ކޮންމެ ޓީމަކަށް ތިން މިލިއަން ރުފިޔާ، ދެވަނަ ޑިވިޝަނުގެ ކޮންމެ ޓީމަކަށް ފަސް ލައްކަ ރުފިޔާ އަދި ތިން ވަނަ ޑިވިޝަނުގެ ގަދަ ފަސް ޓީމަށް އެއްލައްކަ ރުފިޔާ ދެވިގެން ދާނެ،" ބައްސާމް އިއްޔެ ވިދާޅުވި އެވެ.

"ކޮންމެ އަހަރަކު އަޅުގަނޑުމެން އަތޮޅުތެރޭގެ ޓީމުތައް ނުވަތަ ދަނޑުތައް ތަރައްގީ ކުރުމަށް 15 މިލިއަން ރުފިޔާ ހަރަދު ކުރާނަން. އޭގެ ތެރޭގައި ހިމެނޭނެ ދަނޑު ތަކުގެ ލައިޓްތަކާއި ކުދިކުދި އޮފީސްކޮޅު ހެދުމަށް ވެސް."

ބައްސާމް އޭނާގެ ފޭސްބުކް ޕޭޖުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ކާމިޔާބީއަކީ، އެކަމަށް އެދި ބުރަ މަސައްކަތްކުރާ ފަރާތްތަކަށް ﷲ سُبْحَانَهُ وَ تَعَالَى މިންވަރުކުރާ ކަމެއް" ކަމަށާއި އެކަމަށްޓަކައި ﷲ އަށް ޙަމްދު ކުރާ ކަމަށެވެ.

އިންތިޚާބުގައި އޭނާގެ ކާމިޔާބީއަށް މަދަދުވެރިވެ، އެހީތެރިކަން ފޯރުކޮށްދިން ހެޔޮއެދޭ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރަމުން ބައްސާމް ވިދާޅުވީ، އިންތިޚާބު ކާމިޔާބުކުރެވުނީ، ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުން ކަމަށެވެ.

ބައްސާމް ވިދާޅުވީ، އިންތިޚާބުގައި އޭނާގެ ކާމިޔާބީން ހާމަވަނީ، ރާއްޖޭގެ ފުޓްބޯޅައަށް ކާމިޔާބީ ހޯދައިދިނުމަށް، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި އޭނާގެ ޓީމަށް ފުޓްބޯޅަ އާއިލާއިން ބޮޑު އިތުބާރެއް ދިނުން ކަމަށެވެ.