ރާއްޖޭގައި ހަދާ ފުރަތަމަ ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ނުވަތަ ކިޑްނީ ޓްރާންސްޕްލާންޓް އަންނަ އަހަރުގެ ތެރޭގައި ހެދޭވަރު ވާނޭ ކަމަށް އެންޔޫ ހޮސްޕިޓަލުން ބުނެފިއެވެ.

އުފަންވަނިވި ސިއްހަތާއި ކިޑްނީ ބަލިތަކުގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ ހާއްސަ ބަލިތަކަށް ފަރުވާ ދިނުމަށް ރާއްޖޭގެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗްގައި އިއްޔެ ހިދުމަތް ދޭން ފެށި "ނެޝަނަލް ޔޫރޯރީނަލް އެންޑް ފާޓިލިޓީ" ސެންޓަރު ގާއިމްކުރީ އިންޑިއާގެ މަޝްހޫރު އެންޔޫ ހޮސްޕިޓަލާ ގުޅިގެންނެވެ.

އައިޖީއެމްއެޗްގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އެންޔޫ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު ޑރ. ޕްރަސަންނަ ވެންކަޓޭޝް ވިދާޅުވީ، ތިއޭޓަރަށް ބޭނުންވާ ވަސީލަތްތައް ގެނެސް ކިޑްނީގެ ބޮޑެތި ބަލިތަކަށް ފަރުވާ ދިނުމުގެ ހިދުމަތް މަދު މަސްތަކެއްގެ ތެރޭގައި އައިޖީއެމްއެޗްގައި ފެށިގެންދާނެ ކަމަށެވެ.

"ރާއްޖޭގައި ހަދާ ފުރަތަމަ ކިޑްނީ ޓްރާންސްޕްލާންޓް އަންނަ އަހަރުގެ ތެރޭގައި ހެދޭވަރު ވާނެ. އެ އަމާޒަށް އަހަރެމެން މަސައްކަތް މިކުރަނީ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެ މަސައްކަތް ސީދާ ފެށޭނެ ތާރީހެއް އޭނާ ވިދާޅުވެފައެއްނުވެ އެވެ.

އައިޖީއެމްއެޗްގައި ވޭދުވެދިޔަ ދެ އަހަރުވެސް ކިޑްނީގެ ބަލިތަކަށް ގެންދިޔައީ ފަރުވާ ދެއްވަމުންނެވެ. ނަމަވެސް އޭރު ކިޑްނީ ބަލިތަކަށް ފަރުވާ ދެއްވަމުން ގެންދެވީ ސުޕަ ސްޕެޝަލިސްޓް ޑރ. އިބްރާހިމް ޝިހާމް އެކަންޏެވެ.

އެންޔޫ ހޮސްޕިޓަލާ ގުޅިގެން 15 އަހަރުގެ މުއްދަތަކަށް ހިންގަން ނިންމާފައިވާ "ނެޝަނަލް ޔޫރޯރީނަލް އެންޑް ފާޓިލިޓީ" ސެންޓަރުގައި ކިޑްނީގެ ބަލިތަކަށް ޑރ. ޝިހާމްގެ އިތުރުން އިންޑިއާގެ އެންޔޫ ހޮސްޕިޓަލުގެ ސްޕެޝަލް ޑޮކްޓަރުން މަސައްކަތްކުރައްވާނެ އެވެ.

މީގެ އިތުރުން، އެ ސެންޓަރު އިތުރަށް ތަރައްގީ ކޮށް އެތަނުގައި ކިޑްނީގައި އުފެދޭ ހިލަ ގޮއްވުމާއި ކިޑްނީ ޓްރާންސްޕްލާންޓްގެ އޮޕަރޭޝަން ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަހުމަދު މައުސޫމް އިއްޔެ ވިދާޅުވި އެވެ.

ޑރ. ޕްރަސަންނަ ވިދާޅުވި ގޮތުގައި "ނެޝަނަލް ޔޫރޯރީނަލް އެންޑް ފާޓިލިޓީ" ސެންޓަރުގައި އިއްޔެ ފެށި އައުޓް ޕޭޝަންޓުންގެ ހިދުމަތައް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

ކުރިއަށް އޮތް މަދު ހަފްތާއެއްގެ ތެރޭގައި ސިސްޓަމްތައް ރާއްޖެ ގެނެސް އިންސްޓޯލް ކުރުމާއެކު އިން ޕޭޝަންޓުގެ ހިދުމަތް ފެށި ޕްރައިމަރީ އަދި ސެކަންޑަރީގެ ސާޖަރީތަކުގެ އިތުރުން މަދު މަސް ދުވަހެއްގެ ތެރޭގައި ޓާޝަރީ ސާޖަރީތައް ވެސް އައިޖީއެމްއެޗްގައި ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނެޝަނަލް ޔޫރޯރީނަލް އެންޑް ފާޓިލިޓީ" ސެންޓަރަކީ ދިވެހި ދައުލަތުން 2.5 މިލިއަން ވަރަކަށް ރުފިޔާ އާއި އެންޔޫ ހޮސްޕިޓަލުން ގާތްގަނޑަކަށް ހަ މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމްކޮށްފައިވާ ސެންޓަރެކެވެ.