21 Nov 2016, 17:19
ކުއަލަލަމްޕޫރު (ނޮވެމްބަރު 21): ގެއްލުނު މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް370ގައި ތިބި ބައެއް މީހުންގެ އާއިލާތަކުން ބޯޓުގެ ބައިތައް ހޯދަން މަޑަގަސްކަރައަށް ދާން ނިންމައިފި އެވެ.
އެމްއެޗް370 ގެއްލުނު އިރު ފްލައިޓުގައި ތިބި މީހުންގެ އާއިލާތަކަށް ހާއްސަކޮށް ފޭސްބުކުގައި ހަދާފައިވާ ޕޭޖެއް ކަމަށްވާ 'ވޮއިސް 370'ގައި ޕޯސްޓުކޮށްފައިވާ ބަޔާނެއްގައި ވާގޮތުން ގެއްލުނު މީހުންގެ ހަތް އާއިލާ މެމްބަރަކު ވަނީ އަންނަ މަހު ތިނެކުން 11 އަށް މަޑަގަސްކަރައަށް ދާން ނިންމާފަ އެވެ.
އެބަޔާނުގައި ވާގޮތުން އިރުމަތީ އެފްރިކާއިން ފްލައިޓުގެ ގިނަ ބައިތައް ފެނިފައިވީ ނަމަވެސް، ފްލައިޓު ހޯދުމުގެ ޒިންމާ ނަގާފައިވާ ރަސްމީ އެއްވެސް ފަރާތަކުން އެސަރަހައްދު ހޯދާފައި ނުވެ އެވެ. އެހެންކަމުން އެމްއެޗް370އާއެކު ގެއްލުނު މީހުންގެ ގާތްތިމާގެ މީހުންނަށް ވަނީ މަޑަގަސްކަރައަށް ދާން މަޖުބޫރުވެފައި ކަމަށް ބަޔާނުގައިވެ އެވެ.
އެމްއެޗް370 ހޯދުމަށް ކެމްޕެއިން ކުރާ ފަރާތެއް ކަމަށްވާ ގްރޭސް ނަތަން ބުނި ގޮތުގައި އެދަތުރަކީ އަމިއްލަ ހަރަދުގައި ކުރާ ދަތުރެކެވެ. އަދި އެދަތުރުގައި ބައިވެރި ވަނީ މެލޭޝިއާގެ ހަތަރު މީހަކާއި، ޗައިނާގެ ދެ މީހަކާއި ފްރާންސުގެ މީހެކެވެ.
އެމްއެޗް370ގެ ބަޔެއް ކަމަށް ލަފާ ކުރެވޭ ބައިތައް ހޮވުމަށް ފަހު އިތުރު ތަހުގީގުތަކަށް އެބައިތައް އޮސްޓްރޭލިއާއަށް ފޮނުވުމުގެ ޒިންމާ ނަގާފައި ވަނީ މެލޭޝިއާއިންނެވެ.
މާޗް 2014އިގައި ކުއަލަލްމްޕޫރުން ބެއިޖިންއަށް ދަތުރު ކުރަމުން ދަނިކޮށް ގެއްލުނު އެމްއެޗް370ގެ ބަޔެއް ކަން މިހާތަނަށް ކިރިޔާވެސް ޔަގީންވެފައި ވަނީ ހަ އެތިކޮޅެވެ.
އެމްއެޗް370 ހޯދުމުގެ މަސައްކަތް ކުރަމުންދާ މެލޭޝިއާ، އޮސްޓްރޭލިއާ އަދި ޗައިނާ އިން ވަނީ މި އަހަރު ނިމެންވާ އިރަށް ބޯޓު ގެއްލުމާ ބެހޭ ގޮތުން އިތުބާރު ހިފޭ މައުލޫމާތު ނުލިބިއްޖެ ނަމަ ފްލައިޓު ހޯދުން ހުއްޓާލާނެ ކަމަށް ބުނެފަ އެވެ. (ބީބީސީ)