ލީމާ (ނޮވެމްބަރު 21) : ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ނުވަނުމަށް މީގެ ފަސްއަހަރު ކުރިން ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ޕެރޫގައި ނިމުނު އޭޝިޔާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އަޕެކް)ގެ ސަމިޓް ބައްދަލުވުމުގެ އަރިމަތީގައި ދެއްވި ބަޔާނެއްގައި އޮބާމާ ވިދާޅުވީ ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ނުވަނުމަށް 2011 ވަނަ އަހަރު އޭނާ ނިންމެވީ ސޫރިޔާއަށް އަސްކަރީ ގޮތުން ވަދެގަތުމުގެ ގާނޫނީ ހައްޘިއްޔަތެއް ނެތުމާ އަދި ސޫރިޔާއަށް އެއްގަމު މަގުން ވަދެގެންފިނަމަ އެމެރިކާ ސިފައިންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ބަލައިގެންނެވެ.

އޮބާމާ ވިދާޅުވީ އޭނާގެ ވެރިކަމުގެ ދެ ދައުރުގައި ވެސް މަސައްކަތްކުރެއްވީ އެމެރިކާ ކުރިން ވަދެގެންފައިވާ ދެގައުމު ކަމަށްވާ އިރާގާއި އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށާއި އަދި އިތުރު ގައުމަކަށް އެއްގަމު މަގުން އެމެރިކާ ސިފައިން ނޮފޮނުވުމަށެވެ. މީގެއިތުރުން އިރާގާއި އަފްޣާނިސްތާނަށް ހަމަޖެހުން ގެނައުމަށާއި އަލްގާއިދާ އާއި އައިއެސް ފަދަ ޓެރަރިސްޓް ޖަމާއަތް ބަލިކުރުމަށްވެސް ދެ ދައުރުގައިވެސް ކާމިޔާބު މަސައްކަތް ތަކެއް ކުރެވުނުކަމަށް އޮބާމާ ވިދާޅުވިއެވެ.

ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް އެއްގަމު މަގުންވަނުމަށް އެމެރިކާ ފަސްޖެހުނުނަމަވެސް އައިއެސްއާ ހަނގުރާމަ ކުރުމުގެ ނަމުގައި ސޫރިޔާއަށް ވައިގެ ހަމަލާތައްދިނުމުގެ ކަންތައް އެމެރިކާ ކުރިޔަށް ގެންގޮސްފައިވެއެވެ. އަދި ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތްތަކަށް ހަތިޔާރާއި ތަމްރީނާއި ފައިސާ އެމެރިކާ ފޯރުކޮށްދެމުން ގެންދެއެވެ. އަދި ސޫރިޔާގައި ދާޚިލީ ފިތުނައެއް އުފައްދައިގެން އެގައުމު ހަލާކުކޮށްލުމަށް އިދިކޮޅު ޖަމާއަތްތަކާ ގުޅިގެން މަސައްކަތްކުރިކަމުގެ ތުހުމަތުވެސް އޮބާމާގެ ސަރުކާރުގެ މައްޗަށް ކުރެވިފައިވެއެވެ.

ސޫރިޔާއަށް އެއްގަމުމަގުން ސިފައިން ފޮނުވަން އެމެރިކާއަށް ނުކެރުނު ސަބަބުތަކުގެ ތެރޭގައި ރަޝިޔާއާ ކުރިމަތިލުމަށް އެމެރިކާ ޖެހިލުންވުމާއި އައިއެސްގެ ހަނގުރާމަވެރިންނާ ކުރިމަތިލުމަށް އެމެރިކާ ބިރުގަތުންފަދަކަންކަން ހިމެނޭކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

އޮބާމާގެ ވެރިކަމުގައި އެމެރިކާވަނީ ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލްގައްޒާފީގެ ވެރިކަން ގަދަބާރުން ވައްޓާލި ލީބިޔާގެ ޖަމާއަތްތަކަށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އަސްކަރީ އެހީތައް ފޯރުކޮށްދީފައެވެ. އަދި ގައްޒާފީގެ ލަޝްކަރުތައް ބަލިކުރުމަށްޓަކައި އެލަޝްކަރުތަކަށް ވައިގެ ހަމަލާތައް ދިނުމުގައިވެސް އެމެރިކާ ސިފައިން ހަރަކާތްތެރިވެފައިވެއެވެ. ނަމަވެސް ގައްޒާފީގެ ވެރިކަން ވައްޓާލުމަށްފަހު ލީބިޔާގައި ހަމަޖެހުމާއި ސުލްޙަ ގާއިމްކުރުމަށް އެމެރިކާ އެއްވެސް ވަރަކަށް މަސައްކަތްކޮށްފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން ލީބިޔާވަނީ ހަމަޖެހުމާއި ތަޅާފޮޅުންތަކެއްގެ ތެރެއަށް ވެއްޓި ލެއިލްޑް ސްޓޭޓަކަށް ބަދަލުވެފައެވެ.

ސޫރިޔާގެ ހާލަތަށް ބައްލަވާލައްވައި އޮބާމާ ވިދާޅުވީ ސޫރިޔާގެ ހަނގުރާމަ ކައިރި މުސްތަގްބަލެއްގައި ހުއްޓޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމުގައެވެ. އަދި އޮބާމާވަނީ ސޫރިޔާގެ ހަލަބްގައި ފައިހަރުކޮށްލައިގެންތިބި ސޫރިޔާގެ އިދިކޮޅު ޖަމާއަތްތައް ބަލިކުރުމުގެ ނަމުގައި އިދިކޮޅު ފަރާތްތައް ތިބޭ ސަރަހައްދުތަކަށް ރަޝިޔާ ދެމުންގެންދާ ވައިގެ ހަމަލާތައް ވަރަށްބޮޑަށް ކުށްވެރި ކުރައްވާފައެވެ.

ޕެރޫގައި ނިމުނު އޭޝިޔާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އަޕެކް) ގެ ސަމިޓްގައި އޮބާމާވަނީ ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިންއާ ބައްދަލުކުރައްވާފައެވެ. ސޫރިޔާގެ ރައީސް ބައްޝާރުލްއަަސަދުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށްޓަކައި އެމެރިކާ ސިފައިން ސޫރިޔާއަށް ފޮނުވުމަށް އޮބާމާ ދެކޮޅު ހެއްދެވި މައްސަލާގައި ގަލްފުގެ އަރަބި ގައުމުތައްވަނީ އޮބާމާގެ ސަރުކާރު ދެކެ ހިތްހަމަނުޖެހިފައެވެ.

ސޫރިޔާގެ ވެރިކަމުގެ ނިޒާމު ގަދަބާރުން ބަދަލުކުރުމަށްޓަކައި ސޫރިޔާގެ އިިދިކޮޅު ޖަމާއަތްތަކަށް ވާގިވެރިވަނީ އެމެރިކާގެ އިތުުރުން ތުރުކީއާއި ގަތަރާއި ސައޫދީ އަރަބިޔާއެވެ. ބައްޝާރުގެ ވެރިކަން ދެމެހެއްޓުމަށް ޓަކައި ރައީސް ބައްޝާރުގެ ސަރުކާރަށް އެހީތެރިވަނީ ރަޝިޔާއާއި އީރާނާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތެވެ. (ރޮއިޓާސް)