ނިއުދިއްލީން: މާހިލް މުހައްމަދު

ދުނިޔޭގެ ފެންވަރުގައި ކުޅިވަރު ކުޅޭ މަޝްހޫރު ބައެއް އެތުލީޓުން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަންނަ ޚަބަރު ވަރަށް ގިނައިން އަހަމު އެވެ. ޗުއްޓީއަށް ގިނަ ބަޔަކު އައިސް، އާއިލާއާ އެކު ވަގުތު ހޭދަކުރުމަށްފަހު އެނބުރި ދަނީއެވެ. އެފަދަ ތަރީން ރާއްޖޭގައި ތިބޭ ހޮޓެލްތަކާއި ރިސޯޓުތަކުން އެމީހުންނަށް ބޭނުންވާ ޓޫރިސްޓު ޚިދުމަތްތައް ފުރިހަމައަށް ލިބެއެވެ.

ނަމަވެސް މިފަދަ ތަރީންނަށް އެހެން ކަހަލަ ޚިދުމަތްތަކެއް ވެސް ރާއްޖެއިން ފޯރުކޮށްދެވިދާނެ އެވެ.

"އެމީހުންނަށް ލިބޭ ބްރޭކްތަކުގައި ތަންތަނަށް ދޭ ރިޕެއާ ވުމަށްޓަކައި. މިސާލަކަށް ފިޒިއޮތެރަޕީ ފަދަ ކަންކަން ކޮށްގެން ރިހެލިބިޓޭޓު ވާންޖެހޭ ހާލަތްތައް އާދޭ،" އިންވެސްޓްމެންޓް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވިއެވެ.

މޮރިޝަސްގެ މެޑިކަލް ޓޫރިޒަމް، މިސާލެއްގެ ގޮތުގައި ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެފަދަ ކަންކަން ރާއްޖޭގައި ވެސް ކުރެވިދާނެ ކަމަށެވެ. އެގޮތުން، މަޝްހޫރު ކުޅިވަރު ކްލަބުތަކުން ބަލައިގަންނަ ފެންވަރުގެ އިންޝުއަރަންސް ކުންފުންޏެއްގައި ރެޖިސްޓާވެފައިވާ ކްލިނިކެއް ރާއްޖޭގައި ހުންނަ ނަމަ، އެފަދަ ކްލަބެއްގެ ކުޅުންތެރީން ރާއްޖެއަށް ފިޒިއޮތެރަޕީ ފަދަ ކަންކަން ކުރުމަށް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެ ކްލަބެއް ގަބޫލުކުރާ ވަރުގެ އިންޝުއަރެންސެއް ވިއްޔާ އެމީހަކު އަންނާނެ. ރާއްޖެއަށް ލިބޭ އެޑްވާންޓޭޖަކީ، އެމީހުންނަށް ލިބޭނެ ފެމިލީ ގެނައުމުގެ ފުރުސަތު. އެކްސްކާޝާންތަކާއި ފިޝިންގްއަށް ވެސް ދާނެ،"

މިނިސްޓަރު ވިދާޅުވީ، އެހެން ޖަޒީރާ ގައުމުތަކަށް ވުރެ މާ ފުޅާ ދާއިރާއެއްގައި މިފަދަ ގޮތަކަށް ކަންކަން ކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެން ވާ ކަމަށާއި، ރާއްޖެއިން މި އެޑްވާންޓޭޖު ނަގައިފި ނަމަ ވަރަށް ފައިދާ ކުރާނެ ކަމަށެވެ.

"ރާއްޖެއަކީ ރީތި، ޒީނަތްތެރި ތަނެއް. ރާއްޖޭގެ ވާހަކަ ފިނި ތަނެއްގައި ދައްކައިފި ނަމަ މީހުން ގައިން ހީބިހި ނަގާ ވަރު ވާނެ. އެ ރީތިކަމުގެ އަވައިގައި މީހުން ޖެއްސުމަކީ ކުރަން ޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.