ލޯކަލް ކައުންސިލް އިންތިހާބު ދެމަސް ދުވަހަށް ފަސް ކޮށްދިނުމަށް އެދި ޕީޕީއެމުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގެ ތެރެއަށް އެމްޑީޕީމް ތަދައްހުލު ވެއްޖެ އެވެ.

އަންނަ ޖެނުއަރީ 14 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ދެ މަހަށް ފަސްކުރަން ޕީޕީއެމުން ހުށަހެޅި މައްސަލާގައި މިއަދު ހެނދުނު ވަނީ ބަޔާން ބަދަލުކޮށްފަ އެވެ.

އެމްޑީޕީމް ބުނީ އެމައްސަލައަކީ އެޕާޓީގެ މަސްލަހަތު އޮތް މައްސަލައަކަށް ވަތީ މައްސަލާގެ ތެރެއަށް ތަދައްހުލުުވުމަށް އެދި މިއަދު ފޯމު ހުށަހަޅާފައިވާނެ ކަމަށެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް މިހާރު ކަނޑައަޅާފައިވާ ތާރީޚުގެ އިތުރުން ދެ މަސް ދުވަހުގެ ފަހުގެ ތާރީޚެއްގައި އިންތިޚާބު ބޭއްވުމަށް އަމުރުކޮށް ދިނުމަށް ޕީޕީއެމުން އެދިފައި ވަނީ ހާލަތުއް ޒަރޫރާގެ މަބްދަޢުއަށް ރިއާޔަތްކޮށެވެ.

އެ ދައުވާގައި ބުނެފައި ވަނީ ޕީޕީއެމަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމުގައިވާ އިރު، ޕާޓީ ހިންގުމުގައި ދިމާވި އުނދަގޫތަކެއްގެ ސަބަބުން މިހާރު އިންތިޚާބު ބާއްވަން ކަނޑައަޅާފައިވާ މުއްދަތަށް ތައްޔާރުވުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.

ޕާޓީގެ ޑޭޓާބޭސް އާއި ޕާޓީގެ އާންމު މެމްބަރުންގެ ދަފްތަރާއި އެހެނިހެން މުހިންމު ލިޔެކިޔުންތައް ނެތް ކަމަށާއި މިހާރު ކަނޑައަޅާފައިވާ ތާރީޚުގައި އިންތިޚާބު ބާއްވައިފިނަމަ ޕީޕީއެމަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކާ ކުރިމަތިލާންޖެހިދާނެ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.

ޕީޕީއެމުން އެމައްސަލާގެ ދަށުން ވަގުތީ އަމުރަކަށް އެދިފައިވާތީ ސިވިލް ކޯޓުން ރޭ ވަނީ ވަގުތީ އަމުރެއް ނެރިފަ އެވެ. އެ އަމުރުގައި ބުނެފައި ވަނީ އިލެކްޝަސް ކޮމިޝަނުން ރީ ރެޖިސްޓްރީ ކުރަން ދީފައިވާ ތާރީހަށް އަމަލުރުން ފަސް ކުރުމަށެވެ.

ސިވިލް ކޯޓުގެ އަމުރާ އެކު އިލްކެޝަންސްއިން ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ރީ ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާނީ އަންނަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ. އެ މުއްދަތުގެ ކުރިން އިންތިޚާބު ބާއްވައި ކައުންސިލަރުން ހުވާކުރުމަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނު ލާޒިމް ކުރާ ކަމެކެވެ.