21 Nov 2016, 15:58
ރާއްޖޭގެ ފުރަތަމަ އިންވެސްޓްމެންޓް ފަންޑުގެ ގޮތުގައިވޯޓާކްރެސް ގްރޯތު ފަންޑް ޕްރައިވެޓް ލިމިޓެޑްރަޖިސްޓަރީކޮށްދީފިއެވެ.
އިންވެސްޓްމަންޓް ފަންޑަކީ، ފަންޑުގެ ބައިވެރިންގެ އަތުން ނެގޭ ސަބްސްކްރިޕްޝަން،ބޭންކް ޑިޕޮސިޓް އަދި އެހެންވެސް މުދަލެއްގައި އިންވެސްޓުކޮށް،އެއިން ލިބޭ ޑިވިޑެންޑް، އިންޓްރަސްޓް، ކެޕިޓަލް ގެއިން ނުވަތަ އެފަދަ އެހެންވެސް މާލީ ނަފާތައް ފަންޑަށް ސަބްސްކްރައިބްކުރި ފަރާތްތަކަށް ހޯދައިދިނުގެ މަގުސަދުގައި، އެކަމަށް ޚާއްސަކޮށް ގާއިމުކުރެވޭ ޤާނޫނީ ޝަހްސެކެވެ.
މި ފަންޑް ރަޖިސްޓަރީކުރިކަމުގެ ލިޔުން ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އެކުންފުންޏާ ހަވާލުކޮށްފައިވަނީ، ފަންޑް ރެޖިސްޓްރޭޝަން ދޫކުރުމަށް ސީއެމްޑީއޭއިން ބޭއްވި ރަސްމިއްޔާތެއްގައެވެ.
ސީއެމްޑީއޭއިން ބުނީ ފަންޑް ރަޖިސްޓަރީކުރުމާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން ފަންޑެއް ހިންގޭނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް ނުވަތަ ޕާޓްނާޝިޕަކަށް ކަމަށެވެ. އަދި ރަޖިސްޓަރީކޮށްފައިވާ ފަންޑަކުން، ފަންޑަށް ސަބްސްކްރައިބްކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވައިލެވޭނީ، ޕަބްލިކް ކުންފުންޏަކަށް ނުވަތަ 10 ޕާޓްނަރުންނަށް ވުރެ ގިނަ ޕާޓްނަރުން ހިމެނޭ ޕާޓްނަރޝިޕްތަކަށެވެ.
މީގެ އިތުރުން އިންވެސްޓްމަންޓް ފަންޑް ރެޖިސްޓްރޭޝަން ތަޢާރަފްކުރުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގައި ގާއިމްކުރެވޭ އިންވެސްޓްމަންޓް ފަންޑްތަކަކީ ޢާންމުން އިތުބާރުކުރާ ފަންޑުތަކަކަށް ހެދުުން ކަމަށާއި ކުރިމަގުގައި މިފަދަ ފަންޑުތަކުގައި އިންވެސްޓްކުރުމުގެ ފުރުސަތު އާންމުނަށް ހުޅުވާލުމާއި، ހަރުދަނާ ނިޒާމެއްގެ ދަށުން ރާއްޖޭގެ ކެޕިޓަލް މާކެޓުގައި ބައިވެރިވާ އިންވެސްޓަރުން އިތުރުކުރުމާއި، ފައިސާ ހޯދުމަށް މާކެޓުގައި ހުރި ފުރުސަތުތައް އިތުރުކުރެވޭނެ ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.