21 Nov 2016, 14:31
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަން ފަށާ ތީރީހު ފަސް ކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅި އިސްލާހު ފާސްކޮށްފި އެވެ.
އެ ބިލު ފާސް ކުރަން ފެންނަ ކަމަށް މިއަދުގެ ޖަލްސާގައި 42 މެންބަރުން ވޯޓު ދެއްވި އެވެ. އަދި އެ ބިލު ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 27 މެންބަރުންނެވެ. އެ ބިލު މަޖިލީހަށް ހުށަހަޅާފައި ވަނީ ސަރުކާރު ފަރާތުން ފުވަމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހް އެވެ.
މިއަހަރު މަޖިލީހުގެ ދެ ވަނަ ދައުރުގެ ފަހުކޮޅު ފާސް ކުރި ޖިނާއީ އިޖުރާތުގެ ގާނޫނުގައި ބުނެފައިވާ ގޮތުން އަންނަ އަހަރު ޖެނުއަރީ މަހު ދެވަނަ ދުވަހު އެ ގާނޫނަށް އަމަލު ކުރަން ޖެހެ އެވެ.
އެހެން ނަމަވެސް ޝާހް ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ އެ މުއްދަތު އަންނަ އަހަރު ޖުލައި ދެވަނަ ދުވަހަށް ފަސް ކުރުމަށެވެ. މަޖިލީހުން މިއަދު ފާސްކުރީ އެގޮތަށެވެ.
އެ އިސްލާހާ ގުޅޭ ގޮތުން ޝާހު ވިދާޅުވެފައި ވަނީ އެ ގާނޫނުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން ޖިނާއީ އިޖުރާތުގެ ގާނޫނަށް އަމަލު ކުރަން ފެށޭނީ ޝަރުއީ ދާއިރާއައި ގާނޫނު ތަންފީޒު ކުރާ އެހެނިހެން އިދާރާތަކާ އަދި ޕްރޮސެކިއުޓަރުން ތަމްރީންކޮށްގެން ކަމަށް ވިދާޅުވި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ ޖިނާއީ ކުށް ތަހުގީގު ކުރުމާއި ޖިނާއީ ކުށުގެ ދައުވާ އުފުލުމާއި އެފަދަ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ބިލެކެވެ.