21 Nov 2016, 14:12
ކްލެމެންސީ ބޯޑުން، ތުލުސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.ީ
ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ވައްޑެ، ކްލެމެންސީ ބޯޑުން ވަކި ކުރަން ފެންނަ ކަމަށް ފާސްކުރީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ ތެރެއިން 41 މެމްބަރުންގެ ވޯޓުންނެވެ. ވައްޑެ ވަކި ކުރަން ނުފެންނަ ކަމަށް 26 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.
ވައްޑޭ ކްލެމެންސީ ބޯޑުން ވަކިކުރުމުގެ ގަރާރު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފެވެ.
ގަރާރު ހުށަހަޅުއްވަމުން އާރިފް ވިދާޅުވީ ކްލެމެންސީ ބޯޑުގެ 67 ޕަސެންޓް ބައްދަލުވުމަށް ވައްޑޭ ހާޒިރުވެވަޑައިގެންފައިނުވާ ކަމަށެވެ. އެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރު ހާޒިރުނުވާ ނަމަ އެބޭފުޅަކު ވަކިކޮށް އެ ބޯޑުގެ ބައްދަލުވުންތަކަށް ހާޒިރުވާނެ މެމްބަރަކު ކަނޑައެޅުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އާރިފް ވިދާޅުވީ ވައްޑޭ ވަކިކުރަން ހުށަހެޅީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނާގާބިލު ވެގެން ނޫން ކަމަށާއި އޭނާ ވަކިކުރާ ހަމައެކަނި ސަބަބަކީ ކްލެމެންސީ ބޯޑުގެ 67 ޕަސެންޓު ބައްދަލުވުމަށް ހާޒިރުވެފައިނުވުން ކަމަށެވެ.
އެ ގަރާރަށް ބަހުސް ކުރައްވަމުން ވައްޑޭ ވިދާޅުވީ ކްލެމެންސީ ބޯޑުގެ ރައީސް ކަމަށް ކަނޑައަޅާފައި ވަނީ ބަންޑާރަ ނައިބު މުހައްމަދު އަނިލް ކަމަށާއި އޭނާގެ ހާޒިރީ ބެލުން މާ އައުލާކަންބޮޑު ކަމަށެވެ.
ވައްޑޭ ވިދާޅުވީ އޭނާ ކްލެމެންސީ ބޯޑުގެ މެމްބަރުކަމުން ވަކިކުރަން އުޅެނީ ހައްގު ގޮތުގައި ތެދުވެ، ހައްގުބަސް ބުނަން ފެށުމުން ހަޖަމު ނުވެގެން ކަމަށެވެ.
ގޯސްކޮށް ކަމެއް ހިނގާ ނަމަ އެކަމާ ދެކޮޅަށް މީގެފަހުން އެންމެ ފުރަތަމަ ތެދުވާނީ އޭނާ ކަމަށާއި "ފްރޭމްކޮށްގެން" އޭނާ މަގާމުން ވަކިކުރަންޏާ އެކަން ކުރަންވީ ކަމަށް ވައްޑޭ ވިދާޅުވި އެވެ.
ކްލެމެންސީ ބޯޑަކީ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އެ ބޯޑުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުރުން ދެން ތިއްބަވަނީ ގާނޫނީ ދާއިރާ އާއި އިޖުތިމާއީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ދީނީ އިލްމުގެ ބޭފުޅަކާއި މަދަނީ ޖަމްއިއްޔާތަކުން އައްޔަން ކުރާ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅަކާއި ފުލުހުންގެ ތެރެއިން ބޭފުޅަކާއި ޝަރުއީ ދާއިރާގެ ބޭފުޅެކެވެ. ކްލެމެންސީ ބޯޑަކީ މައާފް ދިނުމަށް އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ރައީސަށް އިލްތިމާސް ހުށަހެޅުމުން، ރައީސްގެ ފަރާތުން އެ އިލްތިމާސް ދިރާސާކޮށް، އިލްތިމާސާ ގުޅޭ ގޮތުން ރައީސް އަމަލުކުރައްވަން ފެންނަގޮތުގެ ލަފާދިނުމަށް އެކުލަވައިލި ބޯޑެކެވެ.
ވައްޑެ އެ ބޯޑުން ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅީ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގައި ހުންނަވައިގެން ސަރުކާރާ ދެކޮޅަށް ވައްޑެ ވާހަކަ ދައްކަވަން ފެއްޓެވިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅި ދުވަހު، ޕީޕީއެމް އަށް ނިސްބަތްވާ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ވިދާޅުވީ ކްލެމެންސީ ބޯޑަށް ވައްޑޭ އައްޔަން ކުރި ދުވަހު އެމްޑީޕީގެ މެމްބަރުން އެކަމާ ދެކޮޅު ހައްދަވައި، އޭނައާ ދިމާލަށް އެއްޗިހި ގޮވަމުން ދިޔަ ކަމަށެވެ. ނަމަވެސް މިއަދު ފެންނަމުން މިދަނީ އެމްޑީޕީގެ މެމްބަރުން ވައްޑެއާ އެއްކޮޅަށް ތިއްބެވި މަންޒަރު ކަމަށެވެ. އޭނާ ވިދާޅުވީ އެ މަގާމަށް އައްޔަން ކުރިއިރު ވެސް ޕީޕީއެމްގެ މަޖިލިސް މެމްބަރުން ވައްޑޭ އަށް ތައުރީފް ކުރި ކަމަށާއި މިއަދު ވެސް އޭނާގެ ގާބިލްކަމާ މެދު ސުވާލު ނުއުފައްދާ ކަމަށެވެ. ނަމަވެސް މަޖިލީހުން ކަންކަން ނިންމާނީ މެޖޯރިޓީ އިން ކަމަށާއި މެޖޯރިޓީއާ އެއްގޮތަށް ޕާޓީއަކުން ކަމެއް ނިންމުމުން އެއީ ޑިކޮމްރެސީއާ ޚިލާފް ކަމެކޭ ބުނުމަކީ ޑިމޮކްރެސީއާ ޚިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވީ ވައްޑޭ ކްލެމެންސީ ބޯޑުން ވަކިކުރަން ހުށަހަޅާފައިވާ އިރު، އެކަމަށް ޖަވާބުދާރީވުމަށް އޭނާ އަށް އެކަށީގެންވާ ފުރުސަތުދޭންޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބޭނުންފުޅުވާ ކޮންމެ ކަމެއް މަޖިލީސް ތެރެއިން ކުރަނީ ކަމަށާއި ކްލެމެންސީ ބޯޑުން ވައްޑޭ ވަކިކުރަންވީ ސަބަބެއް ނުފެންނަ ކަމަށެވެ.
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވީ މިފަދަ ކަންކަމަކީ އަލަށް ކުރާ ކަމެއް ނޫން ކަމަށާއި ނާގާބިލު ބޭފުޅުންނާއި މަސައްކަތަށް ވަގުތު ނުދެވޭ ބޭފުޅުން މީގެ ކުރިން ވެސް މަޖިލީހުން ވާނީ ވަކިކޮށްފައި ކަމަށެވެ.
އޭނާ ވިދާޅުވީ ގިނަ އަދަދެއްގެ މެމްބަރުން މަޖިލީހުގައި ތިއްބެވިއިރު، ކްލެމެންސީ ބޯޑުގެ މެމްބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރެވޭ ބޭފުޅަކަށް އެ ފުރުސަތުދޭން ޖެހޭ ކަމަށެވެ.