ދިވެހި ފަތުރުވެރިކަމުގެ ދާއިރާ އިން ދޭ އެންމެ ޝަރަފުވެރި އެވޯޑު، މަޓާޓޯ ޓްރެވަލް އެވޯޑްސްގެ، އެންމެ މޮޅު ލަގްޝަރީ ރިސޯޓުގެ އެވޯޑު ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓަށް ލިބިއްޖެ އެވެ.

އޮޅުވެލި ރިސޯޓުގައި ރޭ ބޭއްވި އެވޯޑު ހަފްލާގައި ރަންގަލި ރިސޯޓަށް ޖުމްލަ ތިން އެވޯޑެއް ލިބިފައިވެ އެވެ. އެ ރިސޯޓަށް ވަނީ ލީޑިން އެފްއެންބީ ރިސޯޓުގެ އެވޯޑާއި ރާއްޖޭގައި އެންމެ މަގުބޫލް ބައިނަލްއަގުވާމީ ރިސޯޓް ބްރޭންޑަކަށް ދޭ ލީޑިން އިންޓަނޭޝަނަލް ހޮޓެލް އެންޑް ރިސޯޓް ބްރޭންޑުގެ އެވޯޑް ވެސް ލިބިފަ އެވެ.

ރޭގެ ހަފްލާގައި 35 ކެޓަގަރީއަކުން އެވޯޑު ދީފައިވާ އިރު، ދެވަނަ އަށް އެންމެ ގިނަ އެވޯޑު ގެންދިޔައީ އެ ރިސޯޓުންނެވެ. އެންމެ ގިނަ އެވޯޑު ގެންދިޔައީ ބަންޑޮސް މޯލްޑިވްސް އިންނެވެ.

ބަންޑޮސް މޯލްޑިވްސް އިން ވަނީ ނޮމިނޭޓްވި ހުރިހާ ކެޓަގަރީއަކުން އެވޯޑް ގެންގޮސްފަ އެވެ. އެގޮތުން ލީޑިން ފެމިލީ ރިސޯޓުގެ އެވޯޑާއިލީޑިން ޑައިވް ރިސޯޓުގެ އެވޯޑާއި، ލީޑިން މީޓިން އެންޑް ކޮންފަރެންސް ރިސޯޓުގެ އެވޯޑް އަދި ރާއްޖޭގެ އެންމެ މަގުބޫލް ރިސޯޓް ބްރޭންޑަކަށް ދޭ ލީޑިން ލޯކަލް ހޮޓެލް/ރިސޯޓް ބްރޭންޑުގެ އެވޯޑުވެސް ގެންދިޔައީ ބަނޑޮސް މޯލްޑިވްސް އިންނެވެ.

ތިންކް އެސޯސިއޭޓްސް އިން އިންތިޒާމުކުރި އެ އެވޯޑު ހަފްލާގައި އެންމެ މަގުބޫލް ދިވެހި އެއާލައިނަކަށް ދޭ ލީޑިން ޑޮމެސްޓިކް އެއާލައިންގެ އެވޯޑް ވިލާ އެއާގެ ފްލައިމީ އަށް ލިބުނި އިރު، ލީޑިން އިންޓަނޭޝަނަލް އެއާލައިންގެ އެވޯޑު ސްރީ ލަންކަން އެއާލައިންސް އަށެވެ.

ރޭގެ ހަފްލާގައި އެ އެވޯޑު ހަފްލާގެ ސްޕޮންސަރުންގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ވެސް އަރުވާފައިވެ އެވެ.