މުސާރަ ނުދޭތީ ފައިސާގެ ދަތިކަމާ ކުރިމަތިލަމުންދިޔަ އާޖެންޓީނާ ގައުމީ ޓީމުގެ ސެކިއުރިޓީންނަށް އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އާޖެންޓީނާގެ ނޫސްވެރިއެއް ކަމަށްވާ ހުއާން ޕާލޯ ވާސްކީ ބުނާ ގޮތުގައި، އާޖެންޓީނާ ފުޓްބޯލް އެސޯސިއޭޝަން (އޭއެފްއޭ) އިން ފާއިތުވެ ދިޔަ ހަ މަސް ދުވަހު ޓީމުގެ ސެކިއުރިޓީންނަށް މުސާރަ ދީފައިނުވާތީ އެމީހުންގެ ދަތިތަކެއް ހައްލު ހޯދައިދިނުމުގެ ގޮތުން މެސީގެ އަމިއްލަ ޖީބުން ހަރަދުކުރި ކަމަށެވެ.

މެޓްރޯ 95.1އާ ވާހަކަދައްކަމުން ވާސްކީ ބުނީ، ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ސެކިއުރިޓީން މެސީއާ ބައްދަލުކޮށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަތައް ކިޔައިދިނުމުން އެކަންތައް ހައްލުކޮށް ދިނުމުގެ ގޮތުން މެސީ އެމީހުންނަށް މުސާރަ ދީފައިވާ ކަމަށެވެ.

މެސީގެ ދީލަތި ކަމުގެ އެ އަމަލުތަކުގެ ސަބަބުން އާޖެންޓީނާ ގައުމީ ޓީމުގެ ސެކިއުރިޓީން ވަނީ އޭނާ އަށް ޝުކުރު އަދާކޮށްފަ އެވެ. އަދި މެސީ އަކީ އެހެން މީހުންގެ ހިތާމަތަކުގައި ވެސް ބައިވެރިވާ ހިތްހެޔޮ ކުޅުންތެރިއެއް ކަން ވެސް ސެކިއުރިޓީން ފާހަގަކުރެ އެވެ.

އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަނުން ސެކިއުރިޓީންނަށް މުސާރަ ދެވިފައި ނުވަނީ ދިމާވެފައިވާ ފައިސާގެ ދަތިތަކަކާހުރެ ކަމަށް ހަބަރުތައް ބުނެ އެވެ.