މިދިޔަ އޮގަސްޓް މަހު ފުވައްމުލަކު ފަރަށް އެރި ވިއެޓްނާމްގެ ބޯޓެއް ކަމަށްވާ "އެމްވީ އެންޖީއޯސީ ސަން" އިން އުކާލި ހިލަތައް ފުވައްމުލަކު ގޮނޑުދޮށަށް ލައްގަން ފަށައިފި އެވެ.

ފުވައްމުލަކުގެ ފެނާއި ނަރުދަމާ ނިޒާމު އެޅުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ހިފައިގެން ފުވައްމުލަކަށް ދިޔަ ބޯޓު ފަރަށް އެރީ އޮގަސްޓް މަހު 13 ވަނަ ދުވަހު އެވެ. އެ ބޯޓު އަރާފައި ވަނީ ފުވައްމުލަކުގެ ދެކުނު ފަރާތު ފަރަށެވެ.

ފުވައްމުލަކު ފަރަށް ބޯޓު އަރާފައި --- ފައިލް ފޮޓޯ

ފަރަށް އެރުމުން އެ ބޯޓު ފުންކުރެވޭނެ ހަމައެކަނި ގޮތަކީ އޭގައި ހުރި މުދާތައް އުކާލުން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އޭރު ލަފާދީފަ އެވެ. އެގޮތުން ބޯޓު ހުސްކުރަން ފުވައްމުލަކު ފަރަށް 5700 ޓަނުގެ ހިލަ އާއި 5000 ޓަނުގެ ހިލަވެލި އުކާލާފައިވެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މީގެ ކުރިން ސަން އަށް ވިދާޅުވީ ބޯޓު ފުންކުރުމުގެ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދިޔައީ އެންވަޔަރަމެންޓް މިނިސްޓްރީއާއި ޓްރާންސްޕޯޓް އޮތޯރިޓީ އަދި އޭޕީއޭގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހާ އެކު އެކުންފުނިން މަޝްވަރާކުރެވިގެން ކަމަށެވެ. އަދި ފުންކުރުމުގެ ހުރިހާ މަސައްކަތެއް ވެސް ކުރިއަށް ދަނީ މަޝްވަރާތަކާ އެއް ގޮތަށް ކަމަށް ނާފިޒު ވަނީ ވިދާޅުވެފަ އެވެ.

ފުވައްމުލަކު ގޮނޑުދޮށަށް ހިލަތައް ލައްގާފައި --- ފޮޓޯ/ ސޯޝަލް މީޑިއާ

އެ ހިލަތައް ފުވައްމުލަކު ފަރަށް އުކާލާފައިވާ އިރު އެ ހިލަތައް މިހާރު ފުވައްމުލަކު ގޮނޑުދޮށަށް ލައްގަމުން އަންނަ ކަމަށް އެ ރަށު ކައުންސިލުން މިއަދު "ސަން" އަށް ބުންޏެވެ. އަދި މައްސަލަ ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

އެ ބޯޓު މިހާރު ވަނީ އެ ސަރަހައްދުން ދުރަށް ގެންގޮސް އިންޑިއާ ކަނޑަށް ފައްތާލައިފަ އެވެ.