15 Jun 2011, 10:11
ޖުޑިޝަލް ސާވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރައްވާފައިވާ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މައްޗަށް ނެގި އިތުބާރު ނެތްކަމުގެ ވޯޓުގެ ސަބަބުން ޖުޑިޝަލް ސާވިސް ކޮމިޝަނުން ހުސްވެފައިވާ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އައްޔަން ކުރުމަށް މިއަދު 1:30 ގައި ވޯޓަށް އައްސަވާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޖުޑިޝަލް ސާވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރަން ޖެހޭ މެންބަރު އައްޔަން ކުރުމަށްޓަކައި ނަން ހުށަހެޅުމަށް ހުޅުވާލެއްވި ފުރުސަތުގައި އެންޑީޕީގެ ޗެއާޕާސަން ކަމުން އިއްޔެ އިސްތިއުފާ ދެއްވި މައްޗަށްގޮޅީ އުތުރު ދާއިރާގެ މާރިޔާ އަހްމަދު ދީދީގެ ނަންފުޅާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ ގާސިމް އިބްރާހިމްގެ ނަންފުޅު ހުށަހަޅުއްވައި އެ ދެ ނަންފުޅަށް ވަނީ ތާއީދު ލިބިފަ އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަނަށް އައްޔަން ކުރެއްވުމަށް، މާރިޔާގެ ނަންފުޅު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މޫސާ މަނިކު މަޖިލީހަށް ހުށަހެޅުއްވުމުން ތާއީދު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ އީވާ އަބުދުﷲ އެވެ. އަދި ގައުމީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދު ގާސިމްގެ ނަންފުޅު ހުށަހެޅުއްވުމުން އެ ނަންފުޅަށް ތާއީދު ކުރެއްވީ އަމިއްލަ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުޑަހުވަދޫ ދާއިރާގެ އަހުމަދު އާމިރެވެ.