ޕީޕީއެމްގެ ރައީސްގެ އޮފީހަށް ކަޅުތެޔޮ ޖެހި މީހާ ހޯދަން މޯލްޑިވްސް ޕޮލިސް ސާވިސް އިން ވީޑިއޯއެއް އާންމުކޮށްފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯ އިން، ރޭގަނޑުގެ ވަގުތެއްގައި ރާޅުގަނޑު ސަރަހައްދާ ދިމާލުން ސައިކަލެއްގައި ދިޔަ ދެ މީހުންގެ ތެރެއިން އެކަކު ޕީޕީއެމްގެ ރައީސްގެ އޮފީހަށް ކަޅުތެޔޮ ޖަހާ މަންޒަރު ފެނެއެވެ.

ކަޅުތެޖޮ ޖަހަނީ ސައިކަލްގެ ފަހަތުގައި އިން މީހާއެވެ. ނަމަވެސް އޭނާގެ މޫނު ނުފެނެއެވެ.

އެ ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެކަން އެނގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެފައި ވަނީ ޕީޕީއެމްގެ އޮފީސް ކުރިން ހިންގި ހ. ތެމާ އަށް ކަޅުތެޔޮ ޖަހާފައި ވަނީ ހަމްދަރުދީ ހޯދުމުގެ ގޮތުން ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް އެ ހަމްދަރުދީއެއް ނުލިބޭނެ ކަމަށެވެ.

"ދިވެހިރައްޔިތުން މިހާރު ތިބީ ސިޔާސީ ގޮތުން ވެސް ތަސައްރަފް ފުދިފައޭ. އެ ހަމްދަރުދީ ލިބިދާނެ ކަމަށް ނޫނީ ރައީސް މައުމޫނަށް ލޯބިކުރާ ނުވަތަ ތާއީދު ކުރާ ކަމަށް ބުނާ ބަޔަކު ކުރާ ކަމެއް ކަމަށް ވީނަމަވެސް އެ ވެދާނެ ބަޔަކު އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ޕާޓީގެ ބަޔަކު ޖައްސަން ކުރާ ކަމަކަށް ވެސް،" އާާރިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެއީ ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުން ކުރި ކަމެއް ނޫން ކަމަށެވެ.