މާދަމާ ފަށާ ތިންވަނަ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގައި އެންމެ ބޮޑަށް އަމާޒުކުރާނީ، ރާއްޖޭގައި ކުރިޔަށްދާ ބޮޑެތި އިންވެސްޓްމެންޓްތަކާ ގުޅިގެން އުފެދޭ ފުރުސަތުތައް އަންގައިދިނުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނިއުދިއްލީގައި މާދަމާ ފަށާ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް 2016 މާދަމާ ފަށާ އިރު، "ސަން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގައި ހިނގާ ބޮޑެތި ޕްރޮޖެކްޓުތަކަކީ "މަޑުމަޑުން ލިބޭ އެއްޗެއް ވަރަށް ބާރަށް ހޯދުމަށް" އަޅާފައިވާ ބޮޑު ފިޔަވަޅުތަކެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެ ޕްރޮޖެކްޓުތަކާ ގުޅިގެން ފުރުސަތުތަކެއް ވެސް އުފެދޭނެ ކަމަށާއި، ފޯރަމްގައި ބޮޑަށް އަމާޒުކުރެވޭނީ އެކަންކަމަށް ކަމަށެވެ.

"އެއާޕޯޓު އެކްސްޕޭންޝަން ވާހަކަ އައްސަވާނެ. އަދި 50 ރިސޯޓުގެ ވާހަކަވެސް އަޑު އައްސަވާނެ. ވަރަށް ބޮޑެތި އިންވެސްޓްމެންޓްތައް މިއީ. މިއާ އެކު އެބަ އުފެދޭ ގެޕްތަކެއް. ރިއަލް އެސްޓޭޓް، ޓްރާންސްޕޯޓު، ލޮޖިސްޓިކްސް، ރިނިއުބަލް އެނާޖީ ފަދަ ކަންކަން،" ރާއްޖެއިން ޕްރޮމޯޓުކުރާނެ ފުރުސަތުތަކާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވިއެވެ.

ވަކިން ޚާއްސަކޮށް ރިނިއުބަލް އެނާޖީގެ ކަންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގައި ގާއިމުކުރެވޭ ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގެ ތެރޭގައި، ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ޕްރޮސެސިންޓް ސެންޓަރުތައް ރާއްޖޭގައި ގާއިމު ކުރެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިއީ އޭގެ ޒާތުގައި، އެހެން ގައުމުތަކާ ކޮމްޕީޓު ކުރެވޭނެ ވަރުގެ ކަމެއް ނޫން. އެކަމަކު އަޅުގަނޑުމެންގެ ސްކޭލްގައި ކުރެވިދާނެ ކަންކަން،" މިނިސްޓަރު ވިދަޅުވިއެވެ.

މާދަމާ ފަށާ އިންވެސްޓްމެންޓް ފޯރަމްގައި ރާއްޖޭގެ 13 ކުންފުންޏަކާއި އިންޑިއާގެ ކުންފުންޏަކުން ޕްލެޓިނަމް، ގޯލްޑް އަދި ސިލްވާ ގިންތީގެ ސްޕޮންސާޝިޕް ހަދައި، ފޯރަމްގައި ބައިވެރިވާނެއެވެ. އަދި ރާއްޖެއާއި، އިންޑިއާގެ އިތުރުން ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ ބައެއް ފަރާތްތަކުން ވެސް ފޯރަމްއަށް ޒިޔާރަތް ކުރާނެއެވެ.

ފޯރަމް މާދަމާ ފަށާ އިރު، ފޯރަމްއާ ގުޅިގެން ބާއްވާ ގާލާ ޖާފަތް މިރޭ ތާޖް ޕެލެސް ހޮޓެލްގައި އޮންނާނެއެވެ.