21 Nov 2016, 12:52
ތައިލޭންޑުގެ މީހަކު އޮންލައިން އޮކްޝަނެއްގައި ބައިވެރި ކުރި ސައެމީސް ފައިޓިން ފިޝްއެއް 1480 ޑޮލަރަށް (53،500 ބާޓްއަށް) ވިކިއްޖެ އެވެ.
ތައިލޭންޑުގެ ދިދައިގައި ހުންނަ ރަތް، ނޫ އަދި ހުދު ކުލަ ހުރި އެ މަސް ވިކިފައި ވަނީ މީގެ ކުރިން އެ ބާވަތުގެ މަހެއް އެންމެ އަގުބޮޑުކޮށް ވިކުނު އަގަށް ވުރެ ދެގުނަ އިތުރު އަގަކަށް ކަމަށް މަސް ވިއްކި ކަޗެން ވޮރަޗައި ބުންޏެވެ. އޭނާ ބުނި ގޮތުގައި މީގެ ކުރިން އެފަދަ މަހެއް ވިކުނު އެންމެ ބޮޑު އަގަކީ 600 ޑޮލަރު (23،500 ބާޓް) އަށެވެ.
ހުސް ވަގުތު ކުރާ ކަމެއްގެ ގޮތުގައި ފައިޓިން ފިޝް ބަލަހައްޓާ 40 އަހަރުގެ ކަޗެން ބުނި ގޮތުގައި އެ މަސް ވިކޭނެ ކަމަށް އޭނާ ފުރަތަމަ ލަފާ ކުރި އަގަކީ ހާހަކަށް ބާޓް ނުވަތަ ގާތްގަނޑަގަކަށް 28 ޑޮލަރެވެ.
ނަމަވެސް ފޭސްބުކްގެ ޕްރައިވެޓް އޮކްޝަން ގުރޫޕެއްގައި އެމަހުގެ ފޮޓޯއެއް ޖެހުމުން އެފޮޓޯ ފޭސްބުކުގައި އެތައް ބަޔަކު ޝެއާ ކުރި އެވެ. އަދި އޮކްޝަން ފެއްޓިތާ ދެދުވަސް ތެރޭ 99 ބާޓް އިން 10،000 ބާޓް އަށް މަހުގެ އަގު އެރި އެވެ.
ކަޗެން ބުނި ގޮތުގައި އޭނާ ވަނީ މީގެ ކުރިން ވެސް ތައިލޭންޑުގެ ދިދައިގެ ކުލަތައް ހުރި މަހެއް އާލާ ކުރަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ކުރިން ވަނީ ނާކާމިޔާބުވެފަ އެވެ.
"ދިދައިގައި ހުންނަ ކުލަތައް ހުރި މަހެއް އާލާ ކުރުމުގެ ފުރުސަތަކީ 100،000ން އެކެއް. އެހެންވެ ދިދައިގެ ކުލަތައް ހުރި މަހެއް އާލާ ކުރަން ވަރަށް ގިނަ މީހުން މަސައްކަތް ކުރޭ. އަހަރެން ވަރަށް ނަސީބުގަދަ،" ކަޗެން ބުންޏެވެ. (ގާޑިއަން)