ދުނިޔޭގެ ޓޫރިޒަމް ފެއާތަކާއި އެހެނިހެން ވެސް މައުރަޒުތަކުގައި ރާއްޖެއިން ބައިވެރިވެ، ފަތުރުވެރިކަމާ ބެހޭ ބްރޯސާ ފަދަ ތަކެތި ބަހަމުން އައި ބެހުމަށް ބަދަލެއް ގެނެސް، ރާއްޖޭގެ ފަރާތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ބެހޭގޮތުން ފޯރަމްތައް ބޭއްވުން ފެށުނީ 2014 ވަނަ އަހަރު ސިންގަޕޫރުގައި އޮތް މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމުންނެވެ. އެއަށް ފަހު 2015 ވަނަ އަހަރު ޗައިނާގައި ވެސް އެފަދަ ފޯރަމެއް ބޭއްވި، އެކަމުގެ މީރުކަން ރާއްޖެއިން ހޯދަމުން އަންނަ އިރު، މީގެ ތިންވަނަ ފޯރަމް ފެށުމަށް މިވަނީ ކުޑަތަން ވެފައެވެ.

އިންޑިއާގެ ނިއުދިއްލީގެ ތާޖް ޕެލަސް ހޮޓެލްގައި މާދަމާ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގެ ތިންވަނަ ފޯރަމް ފަށާ އިރު، ރާއްޖެއިން މިވަނީ އެ ފޯރަމަށް މުޅިން ތައްޔާރުވެފައެވެ. ބޮޑެތި ސްޕޮންސަރުންގެ ގޮތުގައި ރާއްޖޭގެ ގިނަ ކުންފުނިތަކަކުން މި ފޯރަމްގައި ބައިވެރިވާ އިރު، ރާއްޖޭގެ ބައެއް އެހެނިހެން ކުންފުނިތަކުން ވެސް ބައިވެރިވާ އިރު، އިންޑިއާގެ ގިނަ ކުންފުނިތަކަކުން ވެސް ފޯރަމަށް ޒިޔާރަތް ކުރާނެއެވެ. އެހެން ނަމަވެސް އިންޑިއާއާ ހިސާބުން މިކަމެއް ނުނިމެއެވެ.

"ލަފާކުރެވޭ ގޮތިގައި ދުނިޔޭގެ އެކި ހިސާބުތަކުން، ވިލާތާއި މިޑްލް އީސްޓާއި އީސްޓުގެ ގައުމުތަކުންވެސް ބައިވެރިވާނެ،" އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވިއެވެ.

މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމަށް ދިއްލީއަށް ވަޑައިގެން ހުންނެވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، މީޑިއާތަކަށް މައުލޫމާތުދެއްވަނީ -- ސަން ފޮޓޯ: މާހިލް މުހައްމަދު

މިނިސްޓަރު ވިދާޅުވި ގޮތުގައި، އިންޑިއާއާއި ރާއްޖެއާ ދެމެދު، އަދި ރައީސް އަބްދުﷲ ޔާމީނާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ސަރުކާރާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެކެވެ. އަދި ނިއު ދިއްލީއަކީ، ބޮޑުވަޒީރު މޯދީ އިސްނަންގަވައިގެން، އައުޓްވާޑްސް އިންވެސްޓްމެންޓްސް ގެންނަން މަސައްކަތް ކުރާ ތަނަކަށް ވާ އިރު، އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، ނިއުދިއްލީގައި އިންވެސްޓްމެންޓް ފޯރަމް ބޭއްވުމުގެ ފައިދާ ވަރަށް ފުރިހަމަ ގޮތުގައި ރާއްޖެއަށް ލިބޭނެއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގައި އިންވެސްޓް ކޮށްގެން، އެ އިންވެސްޓް ކުރި ފައިސާއެއް ވަރަށް އަވަހަށް ރިކަވަރ ވާނެ ކަމަށާއި، އެކިއެކި ބެލުންތަކުން އެކަން ދައްކާ ކަމަށެވެ. އެހެންކަމުން، ރާއްޖޭގައި ހުރި ފުރުސަތުތައް ބޭރު ދުނިޔެއަށް ހާމަކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިފަދަ ބޮޑެތި ސިޓީތަކަށް އައިސް އަޅުގަނޑުމެންގެ ހުރި ފުރުސަތުތަކުގެ ވާހަކަ ބޭރު ދުނިޔެއަށް ހާމަ ނުކުރަމަކީ އެންމެ ރަނގަޅުކަމެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.

މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް ރަސްމީކޮށް ފެށުން އޮތީ މާދަމާއެވެ. އެހެން ނަމަވެސް މި ފޯރަމްގެ ގާލާ ޖާފަތް މިރޭ އޮންނާނެއެވެ. މި ޖާފަތުގައި، ފޯރަމަށް ރާއްޖޭގެ ފަރާތުން ވަޑައިގެންނެވި އިސްވެރިޔާ، ނައިބު ރައީސް އަބްދުﷲ ޖިހާދާއި، ރާއްޖޭގެ ވަފުދާއި، ރާއްޖޭގެ ފަރާތުން ބައިވެރިވާ ވިޔަފާރި ކުންފުނިތަކުގެ އިތުރުން، އިންޑިއާއާއި ބޭރުގެ އެހެން ގައުމުތަކުގެ އިންވެސްޓަރުން ވެސް ބައިވެރިވާނެއެވެ.

މާދަމާ އޮންނަ ފޯރަމްގައި ކުންފުނިތަކުގެ ޕްރެޒެންޓޭޝަން ހުށަހެޅުމާއި، އެކުންފުނިތަކުން ހުޅުވާލައި އިންވެސްޓްމެންޓް ފުރުސަތުތަކާ ބެހޭ މައުލޫމާތުތައް ހާމަކުރުން ފަދަ ހަރަކާތްތައް ކުރިޔަށް ދާނެއެވެ.