ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޝަރަފްވެރިކޮށްދެއްވާ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ ބުދަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާ، މި މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ކުރިން ނިންމި ނަމަވެސް، އެ ޖަލްސާ ކެންސަލް ކޮށްފައިވަނީ ވިއްސާރަވުމާ ގުޅިގެންނެވެ. ޒުވާނުންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ ނޮވެމްބަރު 17 ވަނަ ދުވަހު އެވެ.

ޔޫތު މިނިސްޓްރީގެ އޮފިޝަލެއް ވިދާޅުވީ، އެ ޖަލްސާ އަންނަ ބުދަ ދުވަހު ބާއްވާނެ ކަމަށާއި ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ ރައީސް ޔާމީން ކަމަށެވެ.

ޒުވާނުންގެ ދުވަސް ފާހަގަކުރުމަށާއި ޒުވާނުންގެ ގައުމީ އިނާމު ދިނުމަށް ބާއްވަން އޮތް ޖަލްސާ މިހާރު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހުގެ ރޭ 8:00ގައި ދަރުބާރުގޭގައެވެ.

މި އަހަރު ވެސް ދިހަ ދާއިރާއަކުން ޒުވާނުންނަށް އިނާމު ދިނުމަށް ހަމަޖެހިފައިވެ އެވެ. ޒުވާނުންނަށް ދޭ އިނާމު ލިބޭ ފަރާތްތަކަށް ޒުވާނުންނަށް ދެވޭ ހާއްސަ އެވޯޑާއި، ސެޓްފިކެޓާއި، 25,000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ޒުވާނުންގެ ގައުމީ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރުދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ.