21 Nov 2016, 11:38
އާސެނަލާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުގެ ކެޕްޓަން ވޭން ރޫނީއަށް ފުރަތަމަ 11އިން ޖާގަ ނުލިބުނީ، އޭނާގެ ދުވެލި މާބޮޑަށް ވެސް މަޑުކަމުން ކަމަށް ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.
ހޮނިހިރު ދުވަހު ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ޕްރިމިއާ ލީގު މެޗަށް އެޓީމު ތައްޔާރުވިއިރު، މޮރީނިއޯ ވަނީ ޓެކްޓިކަލް ބޮޑެތި ބަދަލުތަކެއް ޓީމަށް ގެނެސްފައެވެ.
އެގޮތުން، ޓީމުގެ ކުރި ބަލަހައްޓާން ހުއާން މަޓާ، އެންތަނީ މާޝިއަލް އަދި މާކަސް ރަޝްފޯޑް ނަގާފައިވާއިރު ކެޕްޓަން ރޫނީ ޖެހުނީ ބެންޗުގައި މަޑުކޮށްލާށެވެ.
މޮރީނިއޯ ބުނީ އާސެނަލް އަކީ، އިދިކޮޅު ޓީމަށް ކުޅޭނެ ފުރުސަތު ދޭ ޓީމެއް ކަމަށާއި އެހެންކަމުން އެޓޭކިންގައި ބައިވެރިވާ ކުޅުންތެރީންނަށް ފަސޭހައިން ބޯޅަ ލިބޭއިރު އޭގެ ބޭނުން ހިފޭވަރުގެ ހަލުއި ކުޅުންތެރީން ފޯވާޑް ލައިނުގައި ތިބެން ޖެހޭ ކަމަށެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި، ހުއާން މަޓާ، އެންތަނީ މާޝިއަލް، އަދި މާކަސް ރަޝްފޯޑަކީ ރޫނީއަށްވުރެ މާބޮޑަށް ވެސް ހަލުއި ކުޅުންތެރީން. ފޯވާޑް ލައިންގައި ވަން-ޓު-ވަން ޖައްސަން މާބޮޑަށް ވެސް ރަނގަޅު ކުޅުންތެރީން. އަހަންނަށް ގަބޫލުކުރެވުނީ އެއީ އެންމެ ރަނގަޅު އޮޕްޝަންކަމަށް،" މޮރީނިއޯ ބުންޏެވެ.
ޔުނައިޓެޑާއި އާސެނަލް އެންމެ ފަހުން ކުޅުނު ޕްރިމިއަ ލީގު މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުވީ އިރު، އެ މެޗުގައި ޔުނައިޓެޑުން ލަނޑު ޖަހާފައި ވަނީ، މެޗުގެ 63 ވަނަ މިނިޓްގައި މާޝިއަލްގެ ބަދަލުގައި ރޫނީ ކުޅެން އެރިފަހުން، 68 ވަނަ މިނިޓްގައި މަޓާއެވެ. އާސެނަލަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ، 89 ވަނަ މިނިޓްގައި އޮލިވާ ޖިރޫއެވެ.