21 Nov 2016, 11:05
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ ބޭފުޅަކާ، އިދިކޮޅު ފަރާތްތަކުން އެކި ގޮތްގޮތަށް ދިމާކުރައްވާނަމަ މަޖިލީހުގެ ގިނަ މެންބަރުން ބައްލަވަން ނުތިއްބަވާނެކަމަށް ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސް ކަންތައްތައް ކުރައްވަމުން ގެންދަވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށްބުނެ، އިދިކޮޅު ފަރާތްތަކުން އަންނަނީ މަޖިލީހުގެ ޖަލްސާތަކުގައި މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހު މުހައްމަދަށް އެކި ގޮތްގޮތުން ފާޑު ވިދާޅުވަމުންނެވެ.
ހަށިގަނޑުން ތަންކޮޅެއް ހިމަވެފަ ތަންކޮޅެއް ކުޑަކޮށް، ބަސްމަދު މީހަކު މަޖިލީހުގެ ރިޔާސަތުގަ މަޖިލީހުގެ ރައީސަކަށް އިންނެވީމަ ހިތުހުރި ގޮތަކަށް ކަންތައް ކުރެވޭނެކަމަށް އެމްޑީޕީން ދެކުމަކީ އެއީ ގޯހެއް،"ރިޔާޒު ރަޝީދު
އެކަމާ ގުޅިގެން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ، މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅެއްގެ ސިފަތަކަށް ބަލާފައި ހިތުހުރިހައި ގޮތަކަށް އެމްޑީޕީގެ މެންބަރުން ވާހަކަފުޅު ދެއްކެވުމަކީ ގޯހެއް ކަމަށެވެ. އަދި އެކަމުގެ ދިފާއުގައި ވާހަކަ ދައްކަވާނެ އެތަން މެންބަރުންތަކެއް މަޖިލީހުގައި އެބަތިއްބެވި ކަމަށް ރިޔާޒު ވިދާޅުވި އެވެ.
"މަޖިލީހުގެ ރައީސާ އެގޮތަށް ދިމާކުރާނަމަ އަޅުގަނޑުމެން މިތާގަ ބަލާކަށް ނުތިބޭނެ. ކުރިންވެސް އަޅުގަނޑު އޮންނާނީ މިވާހަކަ ދަންނަވާފަ. އެހެންވީމަ މީގެ ދިފާއުގައި މިތާ އެއްޗެހިބުނާނެ މީހުން މަދީކީނޫން. ހަށިގަނޑުން ތަންކޮޅެއް ހިމަވެފަ ތަންކޮޅެއް ކުޑަކޮށް، ބަސްމަދު މީހަކު މަޖިލީހުގެ ރިޔާސަތުގަ މަޖިލީހުގެ ރައީސަކަށް އިންނެވީމަ ހިތުހުރި ގޮތަކަށް ކަންތައް ކުރެވޭނެކަމަށް އެމްޑީޕީން ދެކުމަކީ އެއީ ގޯހެއް،" ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ، އެގޮތަށް ކަންތައް ކުރާނަމަ އެމީހުންނާ ގާނޫނުތައް ވެސް އަރާ ހަމަކުރާނެ ދުވަހެއް އަންނާނެ ކަމަށެވެ. އަދި މަޖިލީހުގެ ރިޔާސަތުން ކަންތައްތައް ކުރައްވާނީ ޕާޓީގެ ލީޑާޝިޕުން އަންގާގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުރުސަތު ދިނުމާ ފުރުސަތު ހަނިކުރުމާ މިކަންތައްތަކަކީ މިއީ ޕާޓީތަކުން ކުރާ ކަންތައްތައް. އެކަމަކު މިކަންވެސް މަޖިލީހުގެ ރައީސް ކުރައްވާކަމެއް ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސްގެ ބޮލުގަ މިކަންކަން އެޅުވުމަކީ އެއީ އިންސާފުވެރިކަމާ އެކުގަ ކުރަމުންދާ ކަމެއް ނޫން. މިއީ ހާއްސަކޮށް އެމްޑީޕީން ބޭނުންވާ ގޮތަށް ކަންތައްތައް ނުދާތީ ކުރާ ކަންކަން،" ރިޔާޒު ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި ގިނަ އިދިކޮޅު މެންބަރުން ވަނީ މަޖިލީހުގެ ރައީސަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި ޖަލްސާގެ ބަހުސް ފެށި ވަގުތު އިދިކޮޅު މެންބަރުންގެ އަމަލުތައް ހުރިގޮތުން ޖަލްސާ ކުރިއަށްގެންދަން ވެސް މަޖިލީހުގެ ރައީސަށް ދަތިވި އެވެ.