ބާލިން(ނޮވެމްބަރު 21): ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަން އިއުލާން ކުރައްވައިފި އެވެ.

ޗާންސެލަރުގެ މަގާމުގައި 11 އަހަރު ހޭދަ ކުރައްވާފައިވާ މާކެލް ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަން އިއުލާން ކުރެއްވީ އޭނާގެ ސެންޓާ ރައިޓް ކްރިސްޓިއަން ޑިމޮކްރަޓިކް ޔޫނިއަން (ސީޑީޔޫ) ޕާޓީގެ ލީޑަރުންނާ ބައްދަލު ކުރެއްވުމަށް ފަހު ބާލިންގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މި ނިންމުމާ ދޭތެރޭ އަޅުގަނޑު ވަރަށް ބޮޑަށް ވިސްނިން. އެގާރަަ އަހަރަށް ފަހު ހަތަރު ވަނަ ދައުރަކަށް ކުރިމަތިލުމަކީ ގައުމަށްވެސް، ޕާޓީއަށްވެސް އަދި އަޅުގަނޑަށްވެސް އާދައިގެ ކަމެއް ނޫން،" މާކެލް ވިދާޅުވި އެވެ.

އޭނާ ވަނީ ކަނާތު ފިޔަ އާއި ވާތު ފިޔައިގެ ޕާޓީތަކުންނާއި ޖަރުމަނުގައި މިހާރު އޮތް ހިޔާލު ތަފާތުވެފައިވާ މުޖުތަމައުން ވެސް އޭނާއަށް ފާޑު ކިޔުންތައް އަމާޒުވާނެ ކަމަށް ލަފާ ކުރައްވައި، ކުރިއަށް އޮތް އިންތިހާބު ވާނީ އޭނާ ކުރިމަތިލައްވާ އެންމެ އުނދަގޫ އިންތިހާބަށް ވާނެ ކަމަށް ވިދާޅުވެފައެވެ.

ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ރެފިއުޖީންނަށް ޖަރުމަނުގެ ބޯޑަރުތައް ހުޅުވާލުމުން މާކެލްއަށް ތާއިދު ކުރާ މީހުންގެ އަދަދު ކުރިއަށް ވުރެ މަދުވި ނަމަވެސް، އަދިވެސް އޭނާއަށް ގައުމުގައި ބޮޑު ތާއީދެއް އޮންނަ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. (ސީއެންއެން)